ޚަބަރު

ޤުރުޢާން އާއި ގުޅޭ ކޯސްތައް އަތޮޅުތަކަށް ފުޅާކުރަނީ ޙާފިޡުންގެ އަދަދު އިތުރުކުރުމަށް
މި ޚަބަރު ޝާއިޢުކުރީ 09/09/2024

ކީރިތި ޤުރުއާން ހިތުދަސް ޙާފިޡުން އިތުރުކުރުމުގެ މަތިވެރި މަޤްސަދުގައި، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ކޯސްތަށް އަތޮޅުތަކަށް ފުޅާކުރަމުން ގެންދާ ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ، މި އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވީ ޙާފިޡުން އިތުރުކުރުމަށް ޙާފިޡްކަމުގެ ޕްރޮގްރާމްތަށް ފަރުމާކުރަމުންދާ ކަމާއި، ޒުވާން ޚަތީބުން އުފެއްދުމާއި، އިމާމުން ތަމްރީނުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށެވެ.

"ކީރިތި ޤުރުޢާން ހިތުދަސް ޙާފިޡުންގެ އަދަދު މުޅި ރާއްޖޭގައި އިތުރުކުރުމައްޓަކައި ޙާފިޡުންގެ ޕްރޮގްރާމް އިތުރަށް ފުޅާކުރަމުން މިދަނީ ވެސް މި ސަބަބަށްޓަކައި. ޒުވާން ޚަތީބުން އުފައްދަމުން، އިމާމުން ރާއްޖެއިން ބޭރަށް ފޮނުވައި ތަމްރީނުތައް ދީ، ތާޒާކުރަމުން، އިސްލާމީ ޔުނިވާސިޓީގެ ކޯސްތައް އަތޮޅުތަކަށް ފުޅާކުރަމުން މިދަނީ ވެސް މި މަތިވެރި މަޤްސަދުގައި"

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން އަންނަނީ އަތޮޅުތެރޭގައި މަތީ ތަޢުލީމާއި ތަމްރީނުތަށް ފުޅާކުރުމުގެ ގޮތުން އެކި ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާ ޖަމާޢަތްތަކާއި ގުޅިގެން އެތަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް މިހާރުވެސް ޤުރުޢާން އާއިގުޅޭ ދާއިރާއިން އެކި ލެވެލްގެ ކޯސްތައް ހިންގަމުންގެންދާކަން ފާހަގަކުރެވެއެވެ.