ޚަބަރު

އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮއްފި
މި ޚަބަރު ޝާއިޢުކުރީ 27/08/2024

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި، މޯލްޑިވިސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ) އިން ގުޅިގެން އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް އެކިއެކި ޕްރޮގްރާމްތައް ހިންގުމުގެ އެއްބަސްވުމެއްގައި ސޮއިކޮއްފިއެވެ.

މި އެއްބަސްވުމުގެ މަޤްސަދަކީ މަސައްކަތްތެރިންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސަސް (ސެއިލްސް) ޕްރޮޖެކްޓްގެ އެހީއާއެކު، "ނޭޝަނަލް ކެރިއަރސް ސާރވިސް" މެދުވެރިކޮށް، ދަރިވަރުންނަށާއި، މަސައްކަތްތެރިންނަށް ކެރިއަރ ގައިޑަންސް ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމާއި، މަސައްކަތްތެރިން ވަޒީފާގެ ބާޒާރަށް ނެރުމަށް ބޭނުންވާ ހުނަރާއި ތަމްރީން ފޯރުކޮށްދިނުމާއި، ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ބެސްޓް ޕްރެކްޓިސަސް އެކި ސިނާއަތްތަކާ ޙިއްސާކޮށް، ވަޒީފާގެ މާހައުލުގައި ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި އެއްބަސްވުމުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޕަރމަނަންޓް ސެކްރެޓަރީ، އައިޝަތު ހިކްމާއެވެ. އަދި މޯލްޑިވިސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (މާޕް) ގެ ފަރާތުން އެ އިދާރާގެ ކޯ-ފައުންޑަރ އަދި ޕްރެޒިޑެންޓް، އަޙްމަދު އިބްރާހިމް ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ ސެއިލްސް ޕްރޮޖެކްޓަކީ ދިވެހިރާއްޖޭގެ މަސައްކަތުގެ ބަޒާރުގައި ހަރަކާތްތެރިވާ ދިވެހިންނަށް، ވަޒީފާއަށް ބޭނުންވާ މުޙިއްމު ހުނަރުތައް ދަސްކޮށްދިނުމަށް މަގުފަހިކޮށްދިނުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވާ ހިންގުމާއި، ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް މަސައްކަތްކުރުމާއި، ހާއްސައެހީއަށް ބޭނުންވާ ފަރާތްތައް ވަޒީފާގެ ބާޒާރުގައި އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވާ ހިންގުން ހިމެނެއެވެ. ސެއިލްސް ޕްރޮޖެކްޓުގެ އިތުރުން ވެސް، މ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން އަންނަނީ ދިވެހި ޒުވާނުންގެ ހުނަރު ތަރައްޤީކޮށް، ހަރުދަނާކުރުމަށް އެތަށް ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދަމުންނެވެ.