ޚަބަރު

ދިރާސާކުރުމަކީ ތަރައްޤީއާއި ކުރިއެރުމުގެ ބިންގާ: ރައީސް
މި ޚަބަރު ޝާއިޢުކުރީ 19/08/2024

ދިރާސާކުރުމަކީ ތަރައްޤީއާއި ކުރިއެރުމުގެ ބިންގާކަމަށް ޢީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާތސިޓީ (އެމްއެންޔޫ) އިން ބާއްވާ "ތެވެލި އިންޓަރނޭޝަލް ކޮންފެރެންސް 2024" ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ކޮންފެރެންސްގައި ބައިވެރިވި ހުރިހާ ބޭފުޅުންނާއި، ތަފާތު އެވޯޑްތަށް ހާޞިލުކުރެއްވި ބޭފުޅުންނަށް މަރުޚަބާ ދަންނަވައި، އެބޭފުޅުން ކުރެއްވި ބުރަ މަސައްކަތާއި ހޯދި ކާމިޔާބީއަށް ތަޢުރީފުކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، އެބޭފުޅުންގެ ކިބާގައި ޢިލްމު އުގެނުމަށް ހުރި ޝައުގުވެރިކަމަކީ ހުރިހާ ދިވެހި ޒުވާނުން މިސާލު ނަގަން ޖެހޭ ކަމެއްކަމަށެވެ. މި ކޮންފެރެންސްގެ މަޤްސަދަކީ ދިވެހިރާއްޖޭއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވިސްނުންތޫނު، ޤާބިލް ބޭފުޅުން މި ކޮންފެރެސްގައި ބައިވެރިވަޑައިގަންނަވައި، އެތަށް އައު ކަންތައްތަކެއް ދަސްކުރުމާއި، އެމީހަކަށް ލިބިފައިވާ ޢިލްމެއް އަނެކުންނާ ޙިއްސާކޮށް، ކުރިއަރައި ދިޔުންކަށެވެ.

"މިއަދުގެ މި ރަސްމިއްޔާތުގައި އަޅުގަނޑުމެން މި ފާހަގަކުރަނީ ދިވެހި ޤައުމާއި މުޖުތަމަޢުގެ ކުރިއެރުން ހޯދައިދިނުމަށް، ޢިލްމު އުނގެނުމާއި އުގަންނައި ދިނުމުގެ ޖޯޝް. އަދި ދިރާސާކުރުމަކީ ތަރައްޤީއާއި ކުރިއެރުމުގެ ބިންގާކަމަށް ވުމާއެކު، މޫސުމަށް އަންނަ ބަދަލުތަކާއި، ސިއްޙީ ދާއިރާ، ޓެކްނޮލޮޖީ ފަދަ ތަފާތު ދާއިރާތަކާއި ގުޅޭގޮތުން އުފެއްދުންތެރި ދިރާސާކޮށް، އެ ދާއިރާ ތަކުގައި ދިމާވާ މައްސަލަތަކަށް ޙައްލު ހޯދަން ޖެހޭ"

އެމަނިކުފާނުގެ މި ވާހަކަފުޅުގައި، މިފަދަ ޢިލްމުން ފުރިގެންވާ ކޮންފެރެންސެއް އިންތިޒާމް ކޮއްދެއްވައި، ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ކުރިއެރުމަށް އެމްއެންޔޫ އިން ކުރައްވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު ޢަދާކުރައްވާފައިވެއެވެ.

ރައީސްގެ ވަހަކަފުޅުގައި އިތުރަށް ވިދާޅުވީ ދިވެހިރާޢްޖޭގައި ދިރާސާކުރުން ކުރިއެރުވުމަށް ދިވެހި ދަޢުލަތުގެ އެހީއާއި އެއްބާރުލުން ދެއްވާނެކަމަށާއި، މީގެ އިތުރުން، މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒުތަކާއި، ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި ބޭރުގެ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.