ރާއްޖޭގެ ޒުވާނުން ހަމައެކަނި އިލެކްޓްރޯނިކް ކޯހަކުން ނިންމާލުމަސްވުރެ، މަސައްކަތުގެ މާހައުލުގައި ޤައުމަށް ބޭނުންވާ ގިނަ ދާއިރާތަކަކުން ތަމްރީން ވުމުގެ ފުރުސަތު ރާއްޖޭގައި އެބަ ހުރިކަމަށް ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
ޒޫޝާން މިހެން ވިދާޅުވީ މިމަހުގެ 10 ވަނަ ދުވަހު ހަޔާ އެޑިޔުކޭޝަންގެ ޓީމް ލިއޯ ޕްރައިވެޓް ލިމިޓެޑްގެ ތިލަފުށި ސައިޓަށް ކުރެއްވި ޒިޔާރަތުގައި އެކުންފުނީގެ ސީނިއާ މެނޭޖުމަންޓާއިއެކު ކުރެއްވި މަޝްވަރާއަށް ފަހުއެވެ.
ޒޫޝާން ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި މޯލްޑިވްސް ޕޮލިޓެކްނިކް
ގުޅިގެން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށުމަށް ތައްޔާރުވަމުން އަންނައިރު ލިއޯޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ފަދަ ބޮޑު ކުންފުންޏަކުން އެހީތެރިކަން ލިބުމަކީ އެކި ދާއިރާ ތަކުން ޤައުމަށް ބޭނުންވާ ޒުވާނުން އުފެއްދުމަށް ލިބުނު ރަނުގެ ފުރުޞަތެއްކަމަށެވެ.
"ލިއޯގެ ސައިޓަށް ޒިޔާރަތް ކުރުމުން ރާއްޖޭގައި ޒުވާނުން ތަމްރީންވާން ގިނަފުރުސަތުތައް އެބަހުރިކަންއެގިގެން ހިގައްޖެ. ހަމަ އެކަނި އިލެކްޓޯނިކް ކޯހެއް، ނުވަތަ ރެފްރިޖެރޭޓަރ ކޯހެއް ހަދާލުމަކުން ފުއްދާލެވޭކަށް ނެތް. އެއަށްވުރެން ގިނަ ދާއިރާތައް އެބަހުރި ޒުވާނުން ތަމްރީނުވެ ކުރިއަރާ ދިއުމަށް، އަދި ލިއޯ އިން ވަޒީފާގެ ފުރުސަތުވެސް އެކިދާއިރާތަކުން އެބައޮތްކަމަށް އެބޭފުޅުން އެބަ ވިދާޅުވޭ" : ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީން
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ޤައުމީފެންވަރުގައި ހުޅުވާލުމަށް ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ. ލިއޯ އާއި އެކު ކުރެވުނު މަޝްވަރާގައި ޤައުމަށް ބޭނުންވާ އެކި ދާއިރާތަކުން ޒުވާނުން ތަމްރީން ކުރުމުގައި އެކުންފުނިން ހަޔާރ އެޑިއުކޭޝަން އަށް އެހީތެރިކަން ދެއްވާނެކަމަށްވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދު ﷲ ސަވާދު ވިދާޅުވެފައެވެ.
ލިއޯ އަކީ 2002 ވަނަ އަހަރުންފެށިގެން ހިންގަމުން އަންނަ ދިވެހިރާއްޖޭގައި އޮތް އަމިއްލަ އެންމެ ބޮޑު ލޮޖިސްޓިކްސް ކުންފުންޏެވެ. އަދި އެކުންފުނިން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި ސީއެސްއާރުގެ ދަށުން ޕޮރޮޖެކްޓުތައް ހިންގަމުންނެވެ.
މޯލްޑިވްސް ޕޮލިޓެކްނިކް އާއި އެމްއެންއެސްޑީއޭގެ ފަރާތުން ނޭޝަނަލް ލެވެލްގެ ކޯސްތައް ފަށާފައިވާއިރު ހުރިހާ ދާއިރާއަކުންވެސް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ސެޓްފިކެޓް ލެވަލް 3ގެ ތަމްރީނުތަކެވެ.
ނެޝަނަލް އެޕްރެންޓިސް ޕްރޮގްރާމުގެ ދަށުން ހިންގާ ތަމްރީނުތަކަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ދާއިރާއަކަށް ބޭނުންވާ ފަންނީ ހުނަރުވެރިން ތަމްރީނުކުރުމަށް ހިންގާ ތަމްރީނުތަކެކެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން މަސައްކަތް ދަސްކޮށްދޭ ޕްރޮގަރާމެކެވެ.