ޚަބަރު

"ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް"ގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި
މި ޚަބަރު ޝާއިޢުކުރީ 15/08/2024

ޖަޕަނީޒް ގްރާންޓުން ދިވެހިރާއްޖެއަށް ދޭ "ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް"ގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ.

މި އެއްބަސްވުމަކީ "ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް ބައި ޖަޕަނީޒް ގްރާންޓް އެއިޑް" (ޖޭޑީއެސް) ގެ ދަށުން، ޖަޕާނު ސަރުކާރުގެ ޚަރަދުގައި، ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވާ 24 ސިވިލް ސާރވިސް މުވައްޒަފުންނަށް، ޖަޕާނުގެ ޔުނިވާސިޓީތަކުގައި 1 އަހަރު ނުވަތަ 2 އަހަރުގެ މާސްޓާރސް ޕްރޮގްރާމް ފުރިހަމަކުރުމުގެ ފުރުސަތު ފަހިކޮއްދިނުމަށް އައު ކުރެވުނު 4 އަހަރުގެ އެއްބަސްވުމެކެވެ.

ވޭތުވެދިޔަ 4 އަހަރުގައިވެސް މި އެއްބަސްވުމުގެ ދަށުން، ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާފައިވާ 24 ފުރުސަތުގެ ތެރެއިން 22 ދަރިވަރުން ވަނީ މި ސްކޮލަރޝިޕްގެ ދަށުން މަތީ ތަޢުލީމު ހާޞިލުކޮއްފައިވެއެވެ.

މިއަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާއެވެ. އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން (ޖޭއައިސީއޭ)ގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހާރ އެކްސެލެންސީ މިޑޮރީ ޓަކެއުޗީއެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން މިނިސްޓްރ ޑރ. މަރްޔަމް މާރިޔާގެ އިތުރުން އެ ވުޒާރާގެ ބައެއް އިސްބޭފުޅުންނާއި މުވައްޒިފުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ސިވިލްސާރވިސް ކޮމިޝަންގެ ފަރާތުން ކޮމިޝަނަރ އޮފް ސިވިލްސާރވިސް ފާތިމަތު ޝަރީފް އާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ޖަޕާނުގެ އެންބަސީގެ ފަރާތުން އެ އިދާރާތަކުގެ ބައެއް އިސްބޭފުޅުން ވެސް ރަސްމިއްޔާތިގައި ބައިވެރިވަޑައިގަންނަވާފައިވެއެވެ.