ޚަބަރު

މިނިސްޓްރީން ހއ.ދިއްދޫގައި ޖޫނިއަރ ކޮލެޖެއް އެޅުމަށް ކޮންޓްރެކްޓަރަކާ ހަވާލު ކޮށްފި
މި ޚަބަރު ޝާއިޢުކުރީ 12/05/2022

ސޮއި ކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދަނީ  އަތޮޅުތެރެއަށް މަތީތައުލީމުގެ ފުރުސަތުތައް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތުގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމު މަސައްކަތްތަކެއްގެ ފެށުން ކަމަށެވެ.

 "އެނގިވަޑައިގަންނަވާނެ އެމްޑީޕީ ސަރުކާރުގެ ވަރަށް މުހިއްމު ވައުދެއް ދިއްދޫގައި ޖޫނިއަރ ކޮލެޖެއް އެޅުމަކީ. މަތީ ތައުލީމާއި ފުރުސަތުތައް އާ މޮޑެލެއްގެ ތެރެއިން ފަހިކޮށްދެވިގެން ދިއުން. ޒުވާނުންއަށް އާ ފުރުސަތުތަކެއް އާ އުއްމީދުތަކެއް ލިބުން. ޖޫނިއަރ ކޮލެޖެއްގެ ވާހަކައަކީ ވަރަށް ޒަމާން ވެއްޖެ ދައްކާ ވާހަކައެއް. ތަރައްގީގެ ހުރިހާ ގޮތަކުން ވެސް ދިއްދޫ ރައްޔިތުން ފަޚުރުވެރިވާފަދަ ތަނަކަށް ހެދުން. މިޑިޒައިނަކީ ވެސް ދިއްދޫ ރައްޔިތުން ފަޚުރުވެރިވާ ރަށުގެ މުހިއްމު ލޭންޑްސްކޭޕަކަށް ވާނެކަމަށް އަޅުގަނޑު ގަބޫލު ކުރަނީ، " މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ދިއްދޫ ޖޫނިއަރ ކޮލެޖުން ނިކުންނަ މަސައްކަތްތެރިންނަކީ ދިއްދޫ ރައްޔިތުން ފަޚުރުވެރިވާފަދަ ހުނަރުވެރި ފަންނުވެރި ތައުލީމީ އަޚުލާގީ ފެންވަރު ރަނގަޅުބަޔަކަށް ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި މަސައްކަތް ހަގީގަތަކަށްވެ  ޑިޒައިނާއި އެއްގޮތަށް ތަން ނިމިމަސައްކަތް ވީހާވެސް ހަލުވިކަމާއެކު ކޮންޓްރެކްޓުގައި ކުރިއަށްގެންގޮސް ނިންމާލުން އެއީ އެމަނިކުފާނު އުއްމީދު ކުރައްވާ ގޮތް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވީ މިއީ ދިއްދޫ އާއި ރަށް ހިމެނޭ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ލިބުނު އުފަލެއް ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމުގައި މިނިސްޓްރީގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.

"ދިއްދޫ ކައުންސިލްގެ ފަރާތުން ވެސް ވަރަށްބޮޑަށް ފާހަގަ ކުރޭ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުން ޑިޒައިން ސްޓޭޖުގައި ވެސް އަދި އެހެން ސްޓޭޖުތަކުގައި ވެސް ވަރަށް ބޮޑަށް ކައުންސިލާއި މަޝްވަރާ ކޮށްގެން ކުރިއަށް ގެންދިޔަ ކަމަށް. މިމަސައްކަތް ނިންމާލެވުނީ ވެސް އެއްބާރުލުމާއި އެކީގައި، އެއީ ދިއްދޫ ކައުންސިލްގެ ހުރިހާ ބޭފުޅުން ވެސް ވަރަށް ބޮޑަށް ފާހަގަ ކުރާކަމެއް." އަބްދުﷲ ވަހީދު ވިދާޅުވި އެވެ.  

 

މި މަޝްރޫއަކީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހއ.ދިއްދޫގައި ހިންގާ ޕްރޮޖެކްޓެކެވެ. މިއީ މި ސަރަހައްދުގައި އެޅޭ އެންމެ ބޮޑު ތައުލީމާ ގުޅޭ މަރުކަޒެވެ.

 

ދިއްދޫގައި ބިނާކުރާ މި ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ އަދި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. އެހެނަސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގުމަށް މަގުފަހިވާނެ އެވެ.

މި ޖޫނިއަރ ކޮލެޖް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 30،000 އަކަފޫޓްގެ ޖާގައިގައެވެ. މި ޕްރޮޖެކްޓް ހުރިހާ ފޭސްއެއް ނިމޭއިރު އިންސްޓިޓިއުޓްގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެ އެވެ. މި ޖޫނިއަރ ކޮލެޖުގައި ފުޑް ޕްރޮސެސިންގ ލެބަކާއި، ފުޑް ޓެސްޓިންގ ލެބަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން އަށް ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެ އެވެ.  މީގެ އިތުރުން ވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު އަސާސީ ޚިދުމަތްތައް (ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓް ފަދަ ކަންކަން) ހިމެނިފައިވާނެ އެވެ.

މިއަދު މި ވެވުނު އެއްބަސްވުމުގެ ދަށުން މި މަސައްކަތް ނިންމުމަށް ވީ އަވަރ އިންވެސްޓްމެންޓާ ހަވާލު ކުރެވިފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ފަހުގެ ބައެއް ޚަބަރު