ޚަބަރު

ކޮރޮނާ ވައިރަސްއާއި ގުޅިގެން އެކި ޤައުމުތަކުގައި ކިޔަވަންތިބި ދަރިވަރުންގެ ހާލަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އަންނަނީ ވަރަށް ގާތުން ބަލަމުން
މި ޚަބަރު ޝާއިޢުކުރީ 26/01/2020

ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވި ކަމާއިއެކު ފެތުރެމުން އަންނަ ކޮރޮނާ ވައިރަސްއާއި ގުޅިގެން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއިން އަންނަނީ ދަރިވަރުންގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. ކޮރޮނާ ވައިރަސް ޗައިނާގައި ފެތުރެން ފެށުމާއިއެކު  މިނިސްޓްރީގެ ލޯނާއި ސްކޮލަރޝިޕް ސްކީމްގެ ދަށުން ކިޔަވަމުންދާ ދަރިވަރުންގެ މައުލޫމާތު ވާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ހިއްސާ ކުރެވިފައެވެ. އަދި ޗައިނާގެ ހޫބެއި ޕްރޮވިންސްގެ، ވޫހާން ސިޓީގައި ކިޔަވަމުންދާ ދަރިވަރުންނަށް ގުޅާ، ހާލަތު ކައިރިން ބަލަމުން އަންނަކަންވެސް ފާހަގަކުރަމެވެ. އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ވޫހާން ސިޓީގައި ތިބި ދަރިވަރުންގެ ހާލު ރަނގަޅެވެ. މިވަގުތު ޗައިނަގައި ކިޔަވަމުންދަނީ، ވުހާން ސިޓިގައި ތިބި 6 ދަރިވަރުންނާއި، ޗައިނާގެ އެހެނިހެން ސަރަހައްދުތަކުގައި ކިޔަވަމުންދާ 44 ދަރިވަރުންނާއިއެކު ޖުމްލަ 50 ދަރިވަރުންނެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ އިލްތިމާސް އަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެދިލައްވައިފައިވާ ގޮތުގެމަތިން ޗައިނާގައި ކިޔަވަމުންދާ ދަރިވަރުންނާއި، ދަރިވަރުންގެ އާއިލާވެސް ޗައިނާގެ އެމްބަސީއަށް ގުޅުއްވާ ރަޖިސްޓްރީވުމަށެވެ. ވޫހާން ސިޓީގައި ތިބި ބޭރުގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒު އިންވަނީ ދެއްވާފައެވެ. އަދި ދަރިވަރުން ކިޔަވަމުން ގެންދާ ޔުނިވަރސިޓީތައް މެދުވެރިކޮށް އެ ކުދިންގެ ހާލުބަލައި އެހީތެރިކަން ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މިގޮތުން ދިވެހި ކިޔަވާކުދިންގެ ކަންތައްތައްވެސް ބައްލަވާނެކަމުގެ ފުރިހަމަ ޔަގީންކަން ޗައިނާ ސަރުކާރުން ވަނީ ދެއްވާފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް ހަލުވި ކަމާއިއެކު މިވައިރަސް ފެތުރެމުންދާ މި ދަނޑިވަޅުގައި، އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތްތަކުގައި އެކަންކުރުމަށްޓަކައި، އެ ގައުމެއްގައި ތިއްބެވި ދިވެހިން، އެފަރާތްތަކާއި ގުޅޭނެ މައުލޫމާތު މިނިސްޓްރީ އޮފް ފޮރިން އެފެއާޒު ނުވަތަ އެ ގައުމއެއްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ނުވަތަ ކޮންސިއުލާ އޮފީސްއާއި ހިއްސާކުރެއްވުމުގެ މުހިންމުކަން ފާހަގަ ކޮށް އެ މައުލޫމާތު ހިއްސާކުރެއްވުމަށް އިލްތިމާސްކުރަމެވެ.

އަދި އެމްބަސީތަކުންދޭ އިރުޝާދުތަކަށް ހުރިހާ ދަރިވަރުންވެސް ސަމާލުވުމަށްވެސް އިލްތިމާސްކުރަމެވެ.

ފަހުގެ ބައެއް ޚަބަރު