ޚަބަރު

ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސްގެ އިތުރު 11 ކޯސް ހިންގަން ތިން ފަރާތަކާއި ހަވާލުކޮށްފި
މި ޚަބަރު ޝާއިޢުކުރީ 24/02/2022

އެ ތިން ފަރާތަކީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އަދި މޯލްޑިވްސް މެރިޓައިމް އެކަޑެމީއެވެ.

މި ޕްރޮގްރާމުގެ ކޯސްތައް ހިންގަން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ދަނޑުވެރިކަން، އައި.ސީ.ޓީ، ފަތުރުވެރިކަން އަދި އިމާރާތްކުރުމުގެ ދާއިރާއިން ގައުމީ ސަނަދު ލެވެލްIII ގެ ކޯސްތައް ހިމެނެއެވެ.

މި ޕްރޮގްރާމަކީ ވާދަވެރި ވަޒީފާގެ ބާޒާރެއް އުފައްދައި ރާއްޖެއިން ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސްގެ ކޯސްތައް ހިންގަން ތިން ފަރާތަކާއި ހަވާލުކުމަށް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވިދާޅުވީ މީހުން ބިނާ ކުރުމުގެ މަސައްކަތަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަސައްކަތެއްކަމަށާއި ގައުމު ކުރިއަށްދާނީ ހުނަރުވެރި އަދި ފަންނުވެރި ޖީލެއް ބިނާވެގެންކަމަށެވެ.

މީހުން ބިނާކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވި ތިން ފަރާތަށް މަރުހަބާ ދަންނަވާކަމަށާއި މިނިސްޓްރީއާއި އެކުގައި މީހުން ބިނާކުރުމަށް ދެއްވާ އެއްބާރުލުމާއި ބަހައްޓާ ގާތްކަމަށް ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދުކުރަން އަޅުގަނޑުމެންގެ ތާވަލާއި އެއްކޮށް ކުރިއަށްގޮސް 350 ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރުމުގެ އުފާވެރި ހަފްލާ ތާވަލާއި އެކީގައި ކުރިއަށްދާނެ ކަމަށް." މިނިސްޓަރ ވިދާޅުވި އެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގެ ދަށުން އިތުރު 35 ކޯހެއް ހިންގުމަށް މިނިސްޓްރީން މިއަދު ވަނީ އިއުލާން ކޮށްފަ އެވެ.

މިނިސްޓަރ ވިދާޅުވީ އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ކޯސްތަކަށް ވަޒީފާގައި އުޅޭ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

2021 ވަނަ އަހަރު 14 ކޯހެއް ހިންގަން އަމިއްލަ 4 ފަރާތަކާއި ހަވާލުކޮށް 565 ދަރިވަރުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަގެންދެ އެވެ. އޭގެތެރެއިން މިހާތަނަށް 83 ދަރިވަރުންވަނީ ދަސްވެނިވެ ޤައުމީ ސަނަދު ހާސިލުކޮށްފައެވެ.

މިއަދު އިއުލާން ކުރި ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ މާޗް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފަހުގެ ބައެއް ޚަބަރު