ޚަބަރު

ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށިތާ 3 އަހަރު: 13،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ހިލޭ ޑިގްރީގެ ފުރުސަތު
މި ޚަބަރު ޝާއިޢުކުރީ 14/02/2022

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ތިން އަހަރު ތެރޭގައި 13،284 ދަރިވަރުން ސަރުކާރުން ތައާރަފްކުރި ހިލޭ ޑިގްރީއަށް ފުރުސަތު ވަނީ ދީފަ އެވެ.

ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށިތާ ތިން އަހަރު ވުމާއި ގުޅިގެން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ހިލޭ ޑިގްރީއިން އެމަނިކުފާނު ދެކެވަޑައިގަންނަވަން ބޭނުންވެލައްވާ ލަނޑުދަނޑިއަކީ އިލްމީ ޖީލެއް ބިނާވެގެން ދިއުން ކަމަށެވެ. އަދި އިލްމީ މީހުންނަށް ކުރާ އިހުތިރާމު މުޖުތަމައުއުން އިތުރުވެގެން ދިއުމާއި ކަންކަމުގައި ބަސް ކިޔޭ މީހުންނަކީ ތައުލީމީ ހުނަރުވެރި ތަޖުރިބާ ހުރި ފަރާތްތަކަށް ވެގެން ދިއުން ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އެމަނިކުފާނު ބޭނުންވެލައްވަނީ ވީހާވެސް ގިނަ ބަޔަކަށް މަތީ ތއުލީމުގެ ފުރުސަތު ފަހިވެފައި އޮތުން ކަމަށެވެ. އަދި ކޯވިޑް-19 ގެ ސަބަބުން ދިމާވި މާލީ ދުވަސްވަރު ވެސް ތައުލީމު އުނގެނުމުގެ ފުރުސަތު އޮތް ކަމަށާއި އެކަމުގެ ސަބަބުން އިޖުތިމާއީ ގިނަ މައްސަލަތަކަށް ހައްލު ލިބިގެން ދިޔަ ކަމަށް ވިދާޅުވި އެވެ.

"ކޯވިޑް-19ގެ ސަބަބުން ދިމާވި މާލީ ދަތި ދުވަސްވަރު ވެސް މަތީތައުލީމުގެ ފުރުސަތު ފުޅާވެފައި އޮތް. އެކަމުން އިޖުތިމާއީ މައްސަލަތަކުން ޒުވާނުން ސަލާމަތްވި." މިނިސްޓަރ ވިދާޅުވި އެވެ.

ހިލޭ ޑިގްރީގެ ޕްރޮގްރާމުގެ ދަށުން  2,127 ދަރިވަރުން މިހާރު ވެސް ވަނީ ޑިގްރީ ފުރިހަމަކޮށްފަ އެވެ.

މިހާތަނަށް ހިލޭ ޑީގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބުނު 13،284 ދަރިވަރުންގެ ތެރޭގައި ހިމެނެނީ:

2019 ވަނަ އަހަރު: 4,804  ދަރިވަރުން،

2020 ވަނަ އަހަރު: 4،818 ދަރިވަރުން،

2021 ވަނަ އަހަރު: 3،301 ދަރިވަރުން، އަދި

2022 ވަނަ އަހަރު: 361 ދަރިވަރުންނެވެ.

މިއަހަރު ސްޓޫޑެންޓް ލޯން ސްކީމަށް އިތުރު 720 ފުރުސަތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ. ލޯނު ސްކީމުގެ މުއްދަތު ހަމަވާނީ އަންނަ މާޗް މަހުގެ 3 ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ 2023 ގެ ނިޔަލަށް 5000 އަށް ވުރެން ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން ގައުމު ބިނާކުރަން ނުކުންނާނެ ކަމަށް ވިދާޅުވެފަ އެވެ.  

މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ހިލޭ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.