ޚަބަރު

ޕްރޮފެޝަނަލް އެކައުންޓެންޓްސް ޓްރެއިނިންގ ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
މި ޚަބަރު ޝާއިޢުކުރީ 12/07/2023

 މި ރަސްމިއްޔާތު އޮތީ 12 ޖުލައި 2023 ވަނަ ދުވަހު އެމް.އެން.ޔޫގެ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަނާއި އޮޑިޓަރ ޖެނެރަލް އަދި އިންސްޓިޓިއުޓް އޮފް ޗާރޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ރައީސް ޙުސައިން ނިޔާޒީ އާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ އިސްވެރިންނާއި އިންސްޓިޓިއުޓް އޮފް ޗާރޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިސް މެންބަރުންނާއި ޔުނިވަރސިޓީ އަދި ކޮލެޖްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަންގެ ވާހަކަފުޅުގައި ވިދާޅުވީ، މި ސްކޮލަރޝިޕް ސްކީމަކީ، 2021 ވަނަ އަހަރު މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެމަނިކުފާނުގެ ތަޞައްވުރު، ދިވެހި ޒުވާނުންގެ މެދުގައި އޮންނަ ޝައުޤުވެރިކަން އިތުރުކޮށް ފަންނީ އެކައުންޓެންޓުން އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ބައެއް ކަމުގައެވެ. އަދި މިދިޔަ އަހަރު ތަނަވަސްކޮށްދެވުނު ސްކޮލަރޝިޕް ފުރުސަތުތަކަށްވުރެ މިއަހަރު ތަނަވަސްކޮށްދެވުނު ފުރުސަތުތައް ގިނަވުމަކީ ވަރަށް އުފަލާއެކު ފާހަގަކުރައްވާ ކަމެއް ކަމުގައެވެ. ރާއްޖޭގެ ފަންނީ ހުނަރުވެރިކަމުގެ މަސައްކަތްތެރިކަމުގެ ވަރަށް ގިނަ ދާއިރާތައް ބޭރުމީހުންގެ އަތްމަތީގައި އޮންނައިރު، ޚާއްޞަގޮތެއްގައި އެކައުންޓެންޓުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިންތިހާއަށް ގިނަ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ބިދޭސީންގެ މައްޗަށް ބަރޯސާކުރަން ޖެހުމުގެ ސަބަބުން ވަރަށް ވަރަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖެއިން ބޭރުވެގެން ދާއިރު، އެކައުންޓެންޓުން ފަދަ މުހިންމު މަސައްކަތްތެރިންގެ ގޮތުގައި ދިވެހީން ހަމަޖެހުމުން، ދިވެހި ވިޔަފާރިތައް ދިވެހީންގެ އަތްމައްޗަށް އައިސް އިތުރަށް ފުޅާވެ، ޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުވި ވެގެން ދާނެކަމުގައި ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ސްކޮލަރޝިޕްތައް ލިބުނު ފަރާތްތަކުން، ސްކޮލަރޝިޕްގެ ބޭނުން ފުރިހަމައަށް ހިފައި، ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި ކިޔެވުން ނިންމައި ޗާޑަރޑް އެކައުންޓެންޓުންގެ ގޮތުގައި މަސައްކަތުގެ މައިދާނަށް އައުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. މި ސްކޮލަރޝިޕް ސްކީމް ކުރިޔަށް ގެންދިއުމުގައި އޮޑިޓަރ ޖެނެރަލާއި އެމަނިކުފާނުގެ އޮފީހުން ދެއްވި ފުރިހަމަ އެހީތެރިކަމާ އެއްބާރުލެއްވުމަށްޓަކައި އެފަރާތަށް ވަރަށް ޚާއްޞަ ޝުކުރެއް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ. އޮޑިޓަރ ޖެނެރަލް އަދި އިންސްޓިޓިއުޓް އޮފް ޗާރޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ރައީސް ހުސައިން ނިޔާޒީގެ ވާހަކަފުޅުގައި ވިދާޅުވީ، މި ސްކޮލަރޝިޕް ސްކީމް މިހާ ހަލުވި ދުވެއްޔެއްގައި ކާމިޔާބު ކަމާއެކު ކުރިޔަށް މިގެންދެވުނީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަނާއި އެމަނިކުފާނުގެ ހީވާގި ޓީމުގެ މިންނެތް މަސައްކަތުން ކަމުގައެވެ. އޮޑިޓަރ ޖެނެރަލްގެ ވާހަކަފުޅުގައި، މި ސްކޮލަރޝިޕް ފުރުސަތުތައް ލިބުނު ފަރާތްތަކަށް ތަހުނިޔާ ކިޔުއްވަމުން ވިދާޅުވީ، އެމަނިކުފާނު ވެސް ކިޔަވައިވިދާޅުވީ ލޯނެއް ނަންގަވައިގެން ކަމަށާއި، ޕްރޮފެޝަނަލް އެކައުންޓެންޓުންނަށް ވުމަށްޓަކައި ހިލޭ ކިޔެވުމަށް ގިނަ އަދަދެއްގެ ދަރިވަރުންތަކަކަށް މިލިބުނު ސްކޮލަރޝިޕް ފުރުސަތުތަކަކީ ވަރަށް އަގުހުރި ފުރުސަތުތަކެއް ކަން އިޙުސާސްކުރެއްވޭ ކަމުގައެވެ. އެހެންކަމުން މި އަގުހުރި ފުރުސަތުތަކުގެ ބޭނުން ހުރިހާ ދަރިވަރުން ވެސް އެންމެ ފުރިހަމައަށް ހިފުމަށް އިލްތިމާސްކުރެއްވިއެވެ.

ޕްރޮފެޝަނަލް އެކައުންޓެންޓްސް ޓްރެއިނިންގ ސްކޮލަރޝިޕް ޕްރޮގްރާމްގެ އަމާޒަކީ، ދިވެހީން، އެކައުންޓެންޓުންގެ ގޮތުގައި ތަމްރީނުކޮށް ރާއްޖެއަށް ބޭނުންވާ ޕްރޮފެޝަނަލް އެކައުންޓެންޓުން އުފެއްދުމެވެ. މި ޕްރޮގްރާމްގެ ސަބަބުން، ރާއްޖެއިން މި ދާއިރާގައި ބޭރުމީހުންނަށް ބަރޯސާވާ މިންވަރު ކުޑަކުރެވިގެން ދާނެއެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން، މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން، ވޭތުވެދިޔަ އަހަރު 173 ފަރާތަކަށް، ފުރުސަތު ދީފައި ވެއެވެ. މިއަހަރު 211 ފަރާތަކަށް ސްކޮލަރޝިޕް ދީ، ސްކޮލަރޝިޕްގެ ލިޔުން އެ ފަރާތްތަކާ މިއަދުގެ ރަސްމިއްޔާތުގައި ހަވާލުކުރެވުނެވެ. އެއީ، ޕަބްލިކް ކެޓެގަރީން 50 ފަރާތަކާއި އޯޕަން ކެޓެގަރީން 161 ފަރާތެކެވެ. ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިޔަށް ގެންދާ މި ސްކޮލަރޝިޕް ސްކީމް ހުޅުވާލެވުނީ ACCA ސްކިލްސް އަދި ޕްރޮފެޝަނަލް ލެވެލް، CIMA މެނޭޖްމަންޓް އަދި ސްޓްރެޓީޖިކް ލެވެލްއިން އެކައުންޓެންޓުން ތަމްރީނުކުރުމަށެވެ. ސްކޮލަރޝިޕް ލިބޭ ފަރާތްތަކުން ކިޔަވައި ނިމުމުން މަދުވެގެން 2 އަހަރުގެ މުއްދަތަށް ދިވެހިރާއްޖޭގައި ޚިދުމަތްކުރުމަށް ޝަރުޠުކުރެވޭނެވެ.

ފަހުގެ ބައެއް ޚަބަރު