ޚަބަރު

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ފުވައްމުލަކުގައި ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރެއް ތަރައްޤީކޮށް ހިންގުމަށް ބީލަމަށް ހުޅުވައިލުން
މި ޚަބަރު ޝާއިޢުކުރީ 16/04/2023

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ފުވައްމުލަކުގައި ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތަށް 2 ވަނަ ފަހަރަށް އީ.އޯ.އައި (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް/ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު) މިހާރު ވަނީ ހުޅުވާލެވިފައެވެ. މި މަޝްރޫއަކީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ޕްރޮޖެކްޓް ހިންގާ ފަރާތުން ފަންޑުކޮށްގެން އިމާރާތް ކުރުމާއި ހިންގުމުގެ މަސައްކަތް ކުރާގޮތަށް (ބިލްޑް-ފައިނޭންސް-އޮޕަރޭޓް މޮޑެލްގައި) ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ. ފުވައްމުލަކުގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ މި ޓިވެޓް ސެންޓަރުން އެންވަޔަރަންމަންޓަލް ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަކާއި ވޮކޭޝަނަލް ދާއިރާތަކުން ތަފާތު ކޯސްތައް ހިންގުމަށް މަގުފަހިވާނެއެވެ.

މި އިންސްޓިޓިއުޓް ޢިމާރާތް ކުރުމަށްޓަކައި ފުވައްމުލަކުގައި 30،000 އަކަފޫޓްގެ ބިމެއް ވަނީ ހަމަޖެހިފައެވެ. އަދި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްގެ އުސޫލުން ދިގުމުއްދަތަކަށް ޕްރޮޖެކްޓް ހިންގުމަށް މިބިން ދޫކުރުމަށް ހަމަޖެހިފައިވަނީ 50 (ފަންސާސް) އަހަރުގެ މުއްދަތަކަށެވެ. މި ޕްރޮޖެކްޓްގެ ޑިޒައިން މިނިސްޓްރީން ދޭއިރު، މިނިސްޓްރީގެ ހުއްދައާއެކު ޑިޒައިން ބަދަލު ކުރުމުގެ ފުރުޞަތު މިތަން ތަރައްޤީކުރާ ފަރާތަށް އޮންނާނެއެވެ. މިޕްރޮޖެކްޓްގެ ސްކޯޕްގައި ހިމެނޭ ޓިވެޓް އިންސްޓިޓިއުޓްގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް މި ބިމުގައި އިތުރު ވިޔަފާރީ ހަރަކާތްތައް ތަރައްޤީކުރުމުގެ ފުރުޞަތުވެސް ޕްރޮޖެކްޓް ހިންގާ ފަރާތަށް ލިބިގެންދާނެއެވެ. 

މި އިންސްޓިޓިއުޓުގައި އެކި ދާއިރާތަކުން ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީ ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މީގެ އިތުރުން ވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ ގޮތްތައް މަގުފަހިވެފައި ހުންނާނެއެވެ. 

މި ޓިވެޓް ސެންޓަރު ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް މިހާރު ހުޅުވާލެވިފައިވާ ރިކުއެސްޓް ފޯރ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް އާ ގުޅޭ ޓެންޑަރ ޑޮކިޔުމެންޓްތައް މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ހުޅުވާލެވުނު ޓެންޑަރގެ ސުންގަޑިއަކީ 27 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ.

ފަހުގެ ބައެއް ޚަބަރު