ޚަބަރު

ހައި އެޗީވަރަސް ސްކޮލަރޝިޕާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސޮކޮލަޝިޕްގެ ލިޔުން ހަވާލުކުރައްވައިފި
މި ޚަބަރު ޝާއިޢުކުރީ 16/05/2023

2022 ވަނަ އަަހަރު މަތީ ޘާނަވީ އިމްތިޙާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަރޝިޕް، 155 ދަރިވަރަކަށް ވަނީ ދެއްވާފަ އެވެ.

މިއަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް 17 ދަރިވަރަކަށް އަދި ހައި އެޗީވަރސް ސްކޮލަރޝިޕް 138 ދަރިވަރަކަށް ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދެއްވުމުގެ ބޭނުމަކީ މަތީ ޘާނަވީ މަރުޙަލާގައި ކިޔަވާ ދަރިވަރުންނަށް ކިޔެވުމަށް ބާރުއެޅުއްވުމާއި، ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރުދެއްވުމެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދެއްވަނީ ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ނުވަތަ ފުރަތަމަ ޑިގްރީއަށްވުރެ ދަށުގެ ސަނަދަކަށް ކިޔެވުމަށެވެ. މި ސްކޮލަރޝިޕްގައި ދަރިވަރު ބޭނުންވާ ކޮންމެ ދާއިރާއަކުން ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ލިބޭނެއެވެ.

2022 ވަނަ އަަހަރު މަތީ ޘާނަވީ އިމްތިޙާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ހާސިލުކުރި 17 ދަރިވަރަކަަށް އެކަމާއި ގުޅޭ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހްއެވެ. އަދި ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލްކުރި 138 ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ ބައެއް ވަޒީރުންނެވެ.

ސަރުކާރުގެ ސްކޮލަރޝިޕްތައް ހާސިލުކުރި ދަރިވަރުންގެ ތެރެއިން 102 ދަރިވަރުންނަކީ އަންހެންކުދިންނެވެ.

ސްކޮލަރޝިޕްތަކުގެ ލިޔުން ހަވާލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާޙިމް ޙަސަން ވިދާޅުވީ މިއަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕާއި ހައިއެޗީވަރސް ސްކޮލަރޝިޕް ލިބޭ ދަރިވަރުންގެ އަދަދު 3 ގުނަ އިތުރުވެފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ދިވެހި ދަރިވަރުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަޢުލީމްގެ ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށެވެ. މީގެއިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓިވެޓް ސެންޓަރުތައް ޤާއިމްކޮށް، ރަށްރަށުން މަތީ ތަޢުލީމް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށްޓަވާފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އެކި ޤައުމުތަކުން ކިޔެވުމުގެ ފުރުޞަތުތައް އަންނަނީ ފޯރުކޮށްދެމުން. ތިޔަ ދަރިވަރުން ކިޔަވައިގެން އައިސް މި ޤައުމަށް ޚިދުމަތް ކުރައްވާ. ތައީ މި ޤައުމުގެ މުސްތަޤްބަލު." މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާޙިމް ޙަސަން ވިދާޅުވިއެވެ.

މި ސްކޮލަރޝިޕްތައް ދީފައިވަނީ އިސްލާމާއި ދިވެހި ހިމެނޭގޮތަށް 5 މާއްދާއިން އޭ.ސްޓަރ ޙާޞިލްކޮށްފައިވާ ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާނުގައި ބައިވެރިވެ ހުރިހާ މާއްދާއަކުން އޭ.ސްޓަރ ހާޞިލްކޮށްފައިވާ ދަރިވަރުންނަށެވެ. އަދި ޖީސީއީ އޯލެވެލް / އައިޖީސީއެސްސީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑް ލިބިފައިވާ ދަރިވަރުންވެސް މީގެތެރޭގައި ހިމެނެއެވެ.

މި ސްކޮލަރޝިޕްގެ އުޞޫލުގައި އޮންނަ ގޮތުން، ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި މި ފުރުޞަތުގެ ބޭނުން ހިފައި ކިޔަވަން ފަށަންޖެހެއެވެ.

ފަހުގެ ބައެއް ޚަބަރު