ޚަބަރު

ހުރިހާ ސްޓޫޑެންޓް ލޯނެއްގެ އެޑްމިނިސްޓްރޭޝަންފީ 1% އަށް ކުޑަކޮށްފި
މި ޚަބަރު ޝާއިޢުކުރީ 28/04/2022

އެޑްމިނިސްޓްރޭޝަން ފީ އެއް ޕަސެންޓަށް ކުޑަކުރަން ނިންމެވުމާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ އިދާރީ ފީ 1% އަށް ކުޑަކުރުމުގެ ސަބަބުން ދަރިވަރުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމާއި ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރައްވާކަމަށެވެ. އަދި  ކިޔަވައި ނިމިގެން އެނބުރިއައިސް އެއްބަސްވެފައިވާގޮތަށް ފައިސާ އަނބުރާ ދެއްކުމުގެ ކަންކަން ޒިންމާދާރު ކަމާއެކު ކުރިއަށްގެންދާނެކަމަށް ޔަގީން ކުރައްވާކަމަށް ވިދާޅުވި އެވެ.

"ލޯނު ލިބޭ ދަރިވަރުން ލޯނު ފައިސާ ދައްކައިގެން މެނުވީ މުސްތަގުބަލުގައި އިތުރުފަރާތްތަކަށް ގިނަ ލޯނުގެ ފުރުސަތުތައް ފަހި ނުކޮށްދެވޭނެ. " މިނިސްޓަރ ވިދާޅުވި އެވެ.

ހުރިހާ ސްޓޫޑެންޓް ލޯނެއްގެ އެޑްމިނިސްޓްރޭޝަންފީ އެއް ޕަސެންޓަށް ކުޑަކުރުމާއި ގުޅިގެން ކަމާއި ގުޅުންހުރި އިދާރީ މަސައްކަތްތައް މިނިސްޓްރީން ވަނީ  މިހާރު ވަނީ ފަށާފައެވެ. ލޯނު ނަގާފައިވާ ހުރިހާ ދަރިވަރުންނަށް ލޯނަށް ގެނެވުނު ބަދަލު ލިޔުމަކުން އަންގަމުން ގެންދާނެ އެވެ. އަދި  މަތީ ތައުލީމާއި ތަމްރީނު ހާސިލްކުރުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ބޭންކް އޮފް މޯލްޑިވިސްއިން ލޯނު ނަގާފައިވާނަމަ، މި ހިދުމަތައް އެދެން ބޭނުން ފަތާތްތަކުން ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް fund@mohe.gov.mv އަށް އަ.އި.ޑީ ކާޑު ކޮޕީއާއި އެކު ހުށަހެޅުއްވުން މިނިސްޓްރީން އެދެއެވެ.

 މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން މި މައުލޫމާތު ވެރިފައިކުރުމަށްފަހު ބޭންކް އޮފް މޯލްޑިވިސްއާއި ހިއްސާކުރުމުން، މިކަމާއި ގުޅުންހުރި އެހެނިހެން ކަންތައްތައް ކުރިއަށް ގެންދަވާނީ ބޭންކް އޮފް މޯލްޑިވްސްއިންނެވެ.

މިސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ އަހަރުވެސް އެޑްމިނިސްޓްރޭޝަން ފީ ވަނީ %5 އިން %3 އަށް ކުޑަކޮށްފައެވެ. އެއީ 16 ޖޫން 2019ގައެވެ.

ރާއްޖޭގައި މިވަގުތު ސްޓޫޑެންޓް ލޯނުގެ ދަށުން 9،054  ދަރިވަރުން ދަނީ ކިޔަވަމުންނެވެ.