ޚަބަރު

އިލްމު ހޯދުމުގައި ތިމާ އުނގެނެމުންދާ ނުވަތަ އުނގެނުނު އިލްމަށް ތެދުވެރި ވާންޖެހޭ. މިނިސްޓަރ
މި ޚަބަރު ޝާއިޢުކުރީ 20/03/2022

ސައިރިކްސް ކޮލެޖުގެ ދަސްވެނިމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ  މަތީ ތައުލީމީ ފެންވަރާއި މެދު ސުވާލު އުފައްދަމުންދާ މިޒަމާނުގައި އިލްމު ހޯދުމުގައި ތެދުވެރިވުމަކީ މުހިއްމު ކަމެއް ކަމަށެވެ. ތެދުވެރި ވުމުގައި އަމިއްލަ ނަފުސާއި ތިމާ ތައުލީމު ހާސިލު ކުރަމުންދާ ކޮލެޖަށް ތެދުވެރިވާންޖެހޭ ކަމަށާއި މަތީ ތައުލީމު ހާސިލު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ކަޑައްތު ކުރުމުގައި ތެދުވެރި ވުމަކީ އިލްމުވެރި ސަނަދުވެރިއަކަށް ވުމަކީ ވަރަށް މުހިއްމު ސިފައެއް ކަމަށެވެ.

"ތިމާގެ ހުރި ގާބިލުކަން އެނގިހުރެ އޭގެ ފުރިހަމަ ބޭނުން ތެދުވެރިކަމާއިއެކު ހިފައިފިނަމަ ކާމިޔާބު ހާސިލުވާނެ''މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ބުރަ މަސައްކަތުގެ ކާމިޔާބީއަކީ ފާހަގަކުރުން ހައްގު އުފަލެއް ކަމަށާއި އެ އުފަލުގައި ބައިވެރިވާ ބެލެނެވެރިންނާއި މުދައްރިސުންނަށް މަރުހަބާ ދަންނަވާކަމަށެވެ. ރޭ ދަސްވެނިވިފައިވަނީ 646 ދަރިވަރުންނެވެ.

މިނިސްޓަރ ވަނީ މައުލޫމާތު ވަޒަން ކުރަން އެނގުމުގެ މުހިއްމުކަމާއި އުނގެނޭ އިލްމާއިމެދު ސުވާލުކުރަން ދަސްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވައި ވާހަކަ ދައްކަވާފައެވެ. އެގޮތުން ވިދާޅުވީ އުނގެނޭ އިލްމު ރަނގަޅަށް ފަހުމް ވާނީ ހިތުގައި އެ އިލްމާއި މެދު ސުވާލު އުފައްދާ އެ ސުވާލުތަކަށް ކަށަވަރު ޖަވާބުތަކެއް ހޯދިގެން ކަމަށެވެ.

"ވަކީލުކަމާއި ސައިކޮލޮޖީ ފަދަ ދާއިރާތަކުން ޚާއްސަވާއިރު ސުވާލުކުރުން އެނގުން އެއީ ވަރަށް މުހިއްމު ކަމެއް. ސުވާލުތަކަށް ޖަވާބު ހޯދުން އެއަށްވުރެ މާ މުހިއްމު" މިނިސްޓަރ ވިދާޅުވި އެވެ.

ރޭ ދަސްވެނިވި ހުރިހާ ދަރިވަރުންނަކީ ވެސް ޒިންމާދާރު ބައެއްގެ ގޮތުގައި މުޖުތަމައުގައި މަސައްކަތް ކުރާތަން ފެނުމަކީ އެމަނިކުފާނުގެ އުއްމީދު ކަމަށާއި އެހެން މީހުންނާއި ތަފާތުތަކެއްވާ ބައެއްކަން ބަހާއި އަމަލުން އެހެންމީހުންނަށް ސާބިތުކޮށްދޭތަން ފެނުމަކީ އެމަނިކުފާނުގެ އުއްމީދު ކަމަށް ވިދާޅުވި އެވެ. މިހާރަށް ވުރެ ވެސް ބޮޑަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ސައިރިކްސް ކޮލެޖް ވެގެން ދިއުމަކީ އެމަނިކުފާނު އުއްމީދު ކުރައްވާ ގޮތް ކަމަށާއި އަދި ފެންވަރު ރަނގަޅު ނަމޫނާ ބަޔަކަށް ސައިރިކްސް ކޮލެޖް ވެގެން ދިއުމަކީ އެ ކޮލެޖާއި ދޭތެރޭ ދެކިލައްވާ އުއްމީދު  ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތަކާއި އުސޫލުތައް ހަދައި ތަންފީޒު ކުރުމުގައި ރާއްޖޭގެ ހުރިހާ ޕްރައިވެޓް ކޮލެޖުތަކާއި އިންސްޓިއުޓްތަކުން ދެއްވާ އެއްބާރުލެއްވުމަށް މިނިސްޓަރ ވަނީ ޝުކުރު ދަންނަވާފަ އެވެ. 

ސައިރެކްސް ކޮލެޖަކީ ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ އެންމެ ގިނަ ދުވަސްވީ ކޮލެޖެވެ. 1993 ވަނަ އަހަރު ސައިރިކްސް ކޮމްޕިއުޓަރ ޓްރެއިނިން ސެންޓަރުގެ ނަމުގައި ވުޖޫދަށް އައި މަރުކަޒުން 2009 ވަނަ އަހަރާއި ހަމައަށް ފަނަރަހާހަށް ވުރެ ގިނަ ދަރިވަރުން ވަނީ  ތަފާތު ކޯސްތައް ފުރިހަމަކޮށް ދަސްވެނިފަ އެވެ. 2009 ވަނަ އަހަރު ކޮލެޖެއްގެ ގޮތުގައި ހިންގަންފެށި ސައިރިކްސް ކޮލެޖުގައި މިއަދާއި ހަމައަށް އަށް ހާހަށްވުރެ ގިނަ ފަރާތްތައް ވަނީ ދަސްވެނިފަ އެވެ.

ފަހުގެ ބައެއް ޚަބަރު