ޚަބަރު

ކޮވިޑުގެ ޙާލަތުން ދިވެހިރާއްޖެ އަރައިގަނެ އިޤްތިޞޯދު އަލުން ނެގެހެއްޓުމަށް ޒުވާނުންނަށް ޚާއްސަ ޕްރޮގްރާމް "ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް" މިއަދު އިފްތިތާހްކޮށްފި
މި ޚަބަރު ޝާއިޢުކުރީ 15/07/2020

ކޮވިޑުގެ ޙާލަތުން ދިވެހިރާއްޖެ އަރައިގަނެ އިޤްތިޞޯދު އަލުން ނެގެހެއްޓުމަށް ޒުވާނުންނަށް ޚާއްސަ ޕްރޮގްރާމް "ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް" މިއަދު އިފްތިތާހްކޮށް ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ބޭރުމީހުންނަށް ބަރޯސާ ވާވަރު ކުޑަކުރެވޭނީ ހުނަރުވެރި ދިވެހިން ތަމްރީނުކުރެވިގެންކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އެއް އަމާޒަކީވެސް އުފެއްދުންތެރި ދިވެހި ޒުވާނުން ބިނާކުރުން ކަމުގައި ވިދާޅުވިއެވެ. ހަމަމިއާއި އެކު ދިވެހި ސަރުކާރުގެ އެންމެ ބޮޑު އެއްހޭދައެއް ކުރެވިގެންދާ ދާއިރާއަކީ ތައުލީމާއި ތަމްރީނުގެ ދާއިރާކަމަށްވެސް ވިދާޅުވިއެވެ. މަސައްކަތުގެ މައިދާނުގައި "ޓީމް ވޯކް" އަށް އިސްކަންދެއްވުމަށްވެސް އިލްތިމާސްކުރެއްވިއެވެ. ދިވެހި ޒުވާނުންނަށް ދެއްވި ނަސޭހަތަކީ ޅަ އުމުރުގައި ޗެލެންޖް ނަންގަވާ، ރިސްކް ނަންގަވާ، ކަންތައްތައް (މަސައްކަތް) ރަނގަޅަށް ދަސްކޮށް، ކަންތައްތަކަށް ރަނގަޅަށް ފޯކަސް ކުރާ ބައެއްކަމުގައި ދިވެހި ޒުވާނުންވުމަށެވެ.

އަދި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ އިބްރާހިމް ޙަސަންގެ ވާހަކަފުޅުގައި މުޅިދުނިޔެއަށް މި ދިމާވެފައިވާ ކޮވިޑުގެ ހާލަތުގައި ދިވެހިރާއްޖެއަށް މި ދިމާވެފައިވާ އިޤްތިޞޯދީ ހާލަތުން އަރައިގަތުމަށް އަޅުގަނޑުމެން މުޅި ސަރުކާރު ގުޅިގެން މީހުން ބިނާ ކުރުމުގެ ޤައުމީ މަސައްކަތް މިފައްޓަނީ އާފޯރިއަކާއި އާޖޯޝަކާއި އާހިތްވަރަކާއިއެކު ކަމަށް ވިދާޅުވިއެވެ. އަދި ބޮޑުތަކުރުފާނާއި ދަންޑަހެލުގެ ތާރީޚީ ވާހަކައިން މިސާލު ނަންގަވަމުން ވިދާޅުވީ "މީހުން މީހުނަށް ވަނީ މީހުނަށް ހެދީމައެވެ." ދިވެހިރާއްޖޭގެ 14 އަތޮޅަކުން 80 ދިވެހިޒުވާނުން މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ހުށަހަޅައިފައިވުމަކީ ލިބޭ ވަރަށްބޮޑު އުފަލެއްކަމުގައާއި، އަދި މި ޕްރޮގްރާމްތަކުގެ ގިނަ ބައިވެރިންނަކީ އަންހެންކުދިންކަމަށްވުމަކީ ވެސް އުފަލެއްކަމުގައާއި އަދި އިންޑަސްޓްރީގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށްވެސް ޝުކުރުއަދާ ކުރެއްވިއެވެ.

ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް އަކީ ދިވެހި ސަރުކާރުގެ އިސްނެންގެވުމުގެ ދަށުން ކޮވިޑުގެ ޙާލަތުން ދިވެހިރާއްޖެ އަރައިގަނެ އިޤްތިޞޯދު އަލުން ނެގެހެއްޓުމަށް ތައްޔާރުވާ އިރު އެކި ޞިނާޢަތްތަކަށް ބޭނުންވާ ދިވެހީން ތަމްރީނުކުރުމަށް ފެށިގެންދާ ޚާއްސަ ޕްރޮގްރާމެކެވެ.

ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް މިޝިޔާރުގެ ދަށުން ދިވެހި ޒުވާނުން، ވަޒީފާޔަށް ބޭނުންވާ ހުނަރު ތަކާއި އެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ މުހިއްމު ބައިތައް އުނގެނި، ހުނަރުވެރި، ޤާބިލް، އުފެންދުންތެރި، އަދި ޒިއްމާދާރު ދިވެހި ރައްޔިތަކަށް ހެދޭނެއެވެ.

މިޕްރޮގްރާމްގެ ސަބަބުން ދިވެހި ރާއްޖޭގެ ސިނާޢަތްތަކަށް ބޭނުންވާ ހުނަރުވެރި ދިވެހިން ވަޒީފާގެ ބާޒާރަށް ނެރުމާއި، އިޤްތިސޯދީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަގުތފަހިވެގެންދާނެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ފަރުދީ ކުރިއެރުމާއިއެކު، ޤައުމުގެ އިޤްތިސޯދަށް އިތުރު ކުރިއެރުމާއި އާރޯކަން ގެނެވި ދިވެހި ޢާއިލާތަކަށް އިތުރު ކުރިއެރުންތައް ލިބޭނެއެވެ.

ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް ޕްރޮގްރާމަކީ 15 ޖުލައި 2020 ގައި ސަރުކާރުން އިއުލާންކޮށް 1 އަހަރު ދުވަހަށް ކުރިޔަށް ގެންދެވޭނެ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްގެ ދަށުން ފަންނީ ހުނަރުވެރި މަސައްކަތްތެރި ކަމުގެ އެކިދާއިރާތަކުން 1200 މީހުން ތަމްރީނު ކުރެވިގެން ދާނެއެވެ.  މިގޮތުން ޓުއަރިޒަމް ދާއިރާއިން 600 އަދި އައިސީޓީ ދާއިރާއިން 200 އަދި ޓުއަރިޒަމް ދާއިރާއާއި ގުޅުންހުރި އިމާރާތް ކުރުމުގެ ދާއިރާއިން 400 ޒުވާނުން ތަމްރީން ކުރެވިގެންދާނެއެވެ.

އަދި، ތަމްރީނުލިބިގެންދާ ޒުވާނުންގެ 33 އިންސައްތައަކީ އަންހެނުންގެ ބައިވެރިވުން ހިމެނޭ ބައިތަކެއްގެ ގޮތުގައި ވުމަކީ މި ޕްރޮގްރާމްގެ އެންމެ މުހިއްމު އެއް އަމާޒު ކަމުގައި ވެގެން ދާނެއެވެ.

މި ޕްރޮގްރާމްގެ މައިގަނޑުމަޤްސަދުތަކަކީ ވަޒީފާ ބާޒާރަށް މިވަގުތު އެއްމެ ބޭނުންވާ ވަޒީފާގެ ދާއިރާތައް ދެނެގަނެ އެވަޒީފާތަކަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި، ރާއްޖޭގައި ޒުވާނުން ވަޒީފާ އަދާ ނުކުރާ މިންވަރު ދަށްކުރުމާއި، ޚާއްސަކޮށް މަދުރަސީ ތަޢުލީމު ނިންމާ ޒުވާނުންނަށް ރާއްޖެއަށް މިވަގުތު ކޮންމެހެން ބޭނުންވާ ވަޒީފާތަކަށް ތަމްރީނުކުރުމާއި، ފަންނީ މަސައްކަތްތެރި ވަޒީފާތަކާމެދު ޢާއްމުން ދެކޭގޮތް ބަދަލުކޮށް، ފަންނީ މަސައްކަތެރި ކަމަށް ލޯބިކުރާ، އަދި ފަޚުރުވެރި މުޖުތަމަޢުއެއް ބިނާކުރުމެވެ.

އަދި ދިވެހިން ބައިވެރިވާ ވާދަވެރި ވަޒީފާ ބާޒާރެއް އުފައްދައި ރާއްޖޭން ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ދަށްކުރުމަށެވެ.

އަދި ތަމްރީނު ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން ތިމާވެއްޓަށް އަހުލުވެރި، ސިއްޚީގޮތުންނާއި، ސަލާމަތާއި ރައްކާތެރި ކަމާއިއެކު މަސައްކަތްކުރާ ޖީލެއް އުފެއްދުމެވެ. މިޕްރޮޖެކްޓުގެ ދަށުން ހިންގާ ހުނަރުވެރި މަސައްކަތްތެރި ކަމުގެ ތަމްރީނު ޕްރޮގްރާމް ތަކަކީ ޤައުމީ ސަނަދުގެ ލެވެލް 3 ގެ ފެންވަރަށް ހިންގާ ކޯސްތަކަށް ވާނެއެވެ.

ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް ޕްރޮގްރާމް ހިންގުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއާއި  ވޯރލްޑްބޭންކްގެ މީރީ ޕޮޖެކްޓާއި، މިނިސްޓްރީ އޮފް ޓުއަރިޒަމްއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި .މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ އެހީތެރިކަން ލިބިގެން ދާނެއެވެ.

ފަހުގެ ބައެއް ޚަބަރު