ޚަބަރު

ޔޫކްރެއިންގައި ކިޔަވަން ތިބި ދަރިވަރުންގެ ތެރެއިން ރާއްޖެ އައިސްފައިވާ ދަރިވަރުންނާއި މިނިސްޓަރ ބައްދަލުކުރައްވައިފި
މި ޚަބަރު ޝާއިޢުކުރީ 03/03/2022

އެކަމަށްޓަކައި މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދަރިވަރުންނާއި ވާހަކަދައްކަވާ މިނިސްޓަރ ވިދާޅުވީ މިނިސްޓްރީން އެންމެ ބޮޑު އަހަމިއްޔަތުކަންދޭ ކަމަކީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ. 

މީގެ އިތުރުން، މިނިސްޓަރ ވާހަކަފުޅުގައި ދަރިވަރުންގެ ކިޔެވުން މިހާތަނަށް ކުރިއަށް ދިޔަގޮތް އޮޅުން ފިލުއްވެވިއެވެ. އަދި މިފަދަ ހާލަތެއްގައި ކޮންމެ ދަރިވަރަކުވެސް، އެދަރިވަރުންގެ ކިޔެވުން ދެން ކުރިއަށް ގެންދެވިދާނެގޮތާއި ދޭތެރޭ ޔުނިވަރސިޓީއާ ވާހާކަ ދައްކަމުންގެންދިޔުމަކީ މުހިއްމުކަމެއް ކަމުގައިވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވަނީ ބޭންކް އޮފް މޯލްޑިވްސްއާއި ސަރުކާރުގެ ވުޒާރާތަކުން ދަރިވަރުން ރާއްޖެ ގެނައުމަށް ވެދެއްވި އެހީތެރިކަމަށް އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދަރިވަރުން ވެސް ވަނީ މިނިސްޓްރީން އެ ދަރިވަރުންނަށް ވެދިން އެހީތެރިކަމަށް ޝުކުރުއަދާކޮށްފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޔޫކްރެއިންގައި ތިބި ދަރިވަރުން ރާއްޖެ ގެނައުމަށްޓަކައި ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަން ހުރިހާ ދަރިވަރުންނަށް ފޯރުކޮށްދީފައެވެ.

 

ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދޭން ފެށިއިރު އެ ގައުމުގައި 51 ދަރިވަރުން ތިއްބެވެ. އޭގެ ތެރެއިން 30 ދަރިވަރުން ހަނގުރާމަ ފެށުމުގެ ކުރިން ރާއްޖެ ވަނީ އައިސްފައެވެ.  ބާކީ ތިބި 21 ދަރިވަރުންގެ ތެރެއިން 15 ދަރިވަރުން  ހޯމަ ދުވަހު ރާއްޖެ ވަނީ އައިސްފައެވެ. އަދި ބާކީ ތިބި 6 ދަރިވަރުންނާއި އާއިލާ މާދަމާ ރާއްޖެ އަންނާނެއެވެ. އެފަރާތްތަކާ ވެސް މިނިސްޓަރ ބައްދަލުކުރައްވަން ވަނީ ނިންމަވާފައެވެ.

ފަހުގެ ބައެއް ޚަބަރު