ޚަބަރު

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ޢިއުލާނު ކުރެވުނު ލޯން ސްކީމްގެ ވަގުތީ ނަތީޖާ ޢިއުލާން ކޮށްފި
މި ޚަބަރު ޝާއިޢުކުރީ 16/05/2022

393 ދަރިވަރަކަށް މަތީ ތަޢުލީމާއި ތަމްރީނުގެ ލޯން ސްކީމުން މިފަހަރު ފުރުސަތު ލިބިފައިވާކަން އުފަލާއިއެކު ފާހަގަކުރަމެވެ.

 

ލޯން ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް ފުރުސަތު ހުޅުވާލެވުނެވެ. ލޯނު އެހީގެ ދަށުން ތަޢުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ޤައުމަކަށްވެސް ދިއުމުގެ ފުރުސަތު ފަހި ކޮށްދެވިފައިވެއެވެ.
މިގޮތުން ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ދަރިވަރު އިޚްތިޔާރުކުރާ ޤައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ.

 

މިފަހަރުގެ ލޯން ސްކީމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ފުރަތަމަ ޑިގްރީ ސްކީމުގައި ކިޔަވަމުންދާ ދަރިވަރުންނަށް، އެދަރިވަރުންގެ އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް ސްލޮޓް ކަނޑައަޅައި ފުރުޞަތު ހުޅުވާލެވުނެވެ.

އަދި މިއަހަރުގެ ލޯން ސްކީމް އިޢުލާންކޮށްފައިވަނީ ލޯންގެ އެޑްމިނިސްޓްރޭޓިވް ޗާރޖް %3 އިން %1 އަށް ކުޑަކުރުމަށްފަހުއެވެ.

 

ލޯނުގެ ވަގުތީ ނަތީޖާ 16 މެއި 2022 ގައި ހުޅުވާލެވުމާއިއެކު ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ވަގުތީ ނަތީޖާ އިޢުލާނުމުރުމަށްފަހު، ނަތީޖާ އާއި ގުޅޭގޮތުން ޝަކުވާއެއްވާނަމަ ހުށަހަޅާނީ loan2022@mohe.gov.mv  އީ.މެއިލް އަށެވެ. ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ 24 މެއި 2022 ގެ 14:00 އެވެ. އަދި ދާއިމީ ނަތީޖާ، އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ  5 ޖޫން 2022 ގައެވެ.