ޚަބަރު

މޯލްޑިވްސް އެސޯސިއޭޝަން ފޮރ އެމްޕޮލޮއިމަންޓް އެޖެންސީގައި ހުރި ކަންބޮޑުވުންތައް މިނިސްޓަރ އާއި ހިއްސާކުރައްވައިފި
މި ޚަބަރު ޝާއިޢުކުރީ 09/07/2024

މޯލްޑިވްސް އެސޯސިއޭޝަން ފޮރ އެމްޕޮލޮއިމަންޓް އެޖެންސީން އެބެފުޅުންގެ ހުރި ކަންބޮޑުވުންތައް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. މަރިޔަމް މާރިޔާ އާއި ހިއްސާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް އެސޯސިއޭޝަން ފޮރ އެމްޕޮލޮއިމަންޓް އެޖެންސީގެ ރައީސް އިބްރާހިމް ފައުޒީ ވިދާޅުވީ މިހާރު ޢަމަލު ކުރަމުން އަންނަ އެންޕޮލޮއިމަންޓް އެޖެންސީތަކުގެ ޤަވައިދު ގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށެވެ.

ފަހުން ޤަވައިދަށް ގެނެވުނު އިސްލާޙްތަކާއި ގުޅޭގޮތުންވެސް ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަ ކުރައްވާ ފައުޒީ ވިދާޅުވީ އޭގެ ސަބަބުން އެ އެސޯސިއޭޝަނަށް ގޮންޖެހުންތަކެއް ކުރިމަތިވާކަމަށެވެ. އެގޮތުން އެޖެންސީ މެދުވެރިކޮށް ބިދޭސީން ރާއްޖެ އަށް ގެންނައިރު އުޖޫރަ ނެގެން ޤަވައިދުގެ ތެރެއިން ހުއްދަ ނޯންނަ އިރު ސަރުކާރަށް ދައްކަން ޖެހޭ ޑިޕޮސިޓް ބޮޑުވުމުގެ ކަންބޮޑުވުން ފާހަގަ ކުރެއްވިއެވެ. އަދި އެޖެންސީ މެދުވެރި ނުކޮށް އެމްޕޮލޮއިމަންޓުންނަށް ބިދޭސީން އެތެރެ ކުރުމުގެ ހުއްދަ ދުކުރުމާއި ގުޅިގެން ކުރިމަގުގައި ނިކުމެދާނެ ނަތީޖާ އާއި ގުޅޭ ކަންބޮޑުވުންތައްވެސް މިނިސްޓަރ އާއި ހިއްސާކުރެއްވިއެވެ.

ފައުޒީ އިތުރަސް ވިދާޅުވީ ވޭތުވެ ދިޔަ ސަރުކާރުން ޤަވައިދުތައް ހެދުމަށް ފަހު ޤަވައިދަށް ޢަމަލު ކުރަން ނުފަށާ، ނަތިޖާއަށް ބަލާ ނުލާ، ތަކުރާރުކޮން ޤަވައިދަށް ބަދަލު ގެންނަވާކަމަށެވެ. އެގޮތުން ރެގިއުލޭޝަން 63 އަށް 2020 އަދި 2022 ގައި ބަދަލު ގެންނެވި އިރު އެއިން އެއްވެސް އެއްޗަކަށް ޢަމަލު ކުރައްވަން ފަށާފައި ނުވާކަމަށްވެސް ވިދާޅުވިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން ފޮރ އެމްޕޮލޮއިމަންޓް އެޖެންސީގެ ހުރި ކަން ބޮޑުވުންތައް އަޑު އައްސަވާ މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ފާހަގަ ކުރެއްވި ކަންބޮޑުވުންތަކާއި މެދު ކަމާއި ގުޅުން ހުރި ހުރިހާ މިނިސްޓްރީ އަކާއި އެކު މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި އަބަދުވެސް މި ސަރުކާރުން ކަންކަން ނިންމެވުމުގައި އިސްކަންދެއްވާނީ ޤައުމަށް އެންމެ ލާބަހުރިގޮތަކަށްކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މޯލްޑިވްސް އެސޯސިއޭޝަން ފޮރ އެމްޕޮލޮއިމަންޓް އެޖެންސީގެ ބެފުޅުންނަކީ އެބޭފުޅުންގެ ދާއިރާއިން ގިނަ ތަޖްރިބާ ހުރި، މުހިންމު ބެފުޅުންކަމަށް ޤަބޫލުފުޅު ކުރައްވާކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި އެދާއިރާތަކުން ނިންމަވާ ކަންކަމުގައި އެބެފުޅުންނާއި މަޝްވަރާ ކުރައްވާ ޚިޔާލު ހޯދަވާނެކަމަށްވެސް ވިދާޅުވިއެވެ.

 

މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ ގެ އަރިހުގައި ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރު އަދި ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޤްގެ އިތުރުން މިނިސްޓްރީގެ ޕާރމަނެންޓް ސެކެޓްރީ ހިކްމާ ބައިވެރިވެވަޑައިނެވިއެވެ. އަދި އެ ދާއިރާއިން ފާހަގަ ކުރެވޭ ކަންކަމަށް އަލި އަޅުއްވާ، ޙިޔާލާއި މަޝްވަރާދެއްވިއެވެ.