ޚަބަރު

2024 ވަނަ އަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ނަތީޖާ އިޢުލާން ކުރައްވައިފި
މި ޚަބަރު ޝާއިޢުކުރީ 11/06/2024

ރާއްޖެއާއި ރާއްޖެއިންބޭރުން މަތީ ތަޢުލީމާއި ތަމްރީން ހޯދުމަށް ލޯނަށް ހުޅުވާލި ފުރުސަތުގައި އެކަމަށްއެދި ހުށައެޅި ނަތީޖާ މިއދު ޢިއުލާން ކުރައްވައިފިއެވެ.

ނަތީޖާ އިޢުލާން ކުރެއްވީ މިއަދު 9:00ގައި މަތީތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ތަރައްޤީ ކުރުމާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ވުޒާރާގެ ވަޒީރު ޑރ. މަރިޔަމް މާރިޔާއެވެ.

ސްޓޫޑަންޓް ލޯނަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ލޯނު ދިނުމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވާފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ފާއިތުވެ ދިޔަ އަހަރު، 500އަށް ވުރެ ގިނަ ދަރިވަރުންނަށް، ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނު ދެވިފައިވާއިރު، މިހާ ގިނަ ފުރުސަތުތަކެއް އެއްދާއިރާއަކަށް ދެވިފައިވުމުގެ ސަބަބުން، ކަމާއި ގުޅުން ހުރި އިދާރާތަކުން ޝަކުވާއާއި ކަންބޮޑުވުން މިނިސްޓްރީއާއި ވަނީ ހިއްސާކޮއްފައިވާކަމަށެވެ. އެހެންކަމުން މި އަހަރުގެ ޕައިލެޓް ލައިސަންސް ސްލޮޓަށް ޝަރުތު ހަމަވާ 148 އެޕްލިކޭޝަން ލިބިފައިވީ ނަމަވެސް އިސްވެ ދެންނެވި ކަންކަމާއި ގުޅިގެން މިނިސްޓާރީ އިން ނިންމަވާފައިވަނީ މެރިޓް އުސޫލުން އެންމެ މަތިން މާކްސް ލިބޭ 10 ދަރިވަރުންނަށް އެ ފުރުސަތު ދިނުމަށްކަމަށެވެ. އަދި މި ސްލޮޓްއަށް ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން، އެދަރިވަރަކު ޝަރުތުހަމަވާ ސްލޮޓަކަށް ބަދަލުވުމުގެ އިޙްތިޔާތު ދިނުމަށް ވެސް މިނިސްޓްރީ އިން ނިންމާފައިވާކަމަށްވެސް ނިންމަވާފައިވާކަމަށެވެ.

 

މިއަހަރުގެ ލޯނަށް ޖުމްލަ 1709 އެޕްލިކޭޝަން ލިބިފައިވާ އިރު، ކޮލިފައިވެފައިވަނީ، ޕައިލެޓް ލައިސަންސަށް އެޕްލައިކުރި 148 ދަރިވަރުން ހިމެނޭގޮތަށް 1153 ދަރިވަރުންނެވެ. ނަމަވެސް، ޕައިލެޓް ލައިސަންސް ސްލޮޓްއަށް ހުށަހެޅި ދަރިވަރުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ދަރިވަރުންނަށް އެ ފުރުސަތު ދިނުމަށް ނިންމާފައިވުމުން، މި އަހަރުގެ ސްޓޫޑަންޓް ލޯނަށް ސެލެކްޓްވި ދަރިވަރުންގެ ޖުމްލަ އަދަދަކީ 1015 އެވެ.

ސެލެކްޓް ވެފައިވާ ދަރިވަރުންނަށް 13 ޖޫން 2024ގައި ލޯނަށް ހޮވުނު ކަމުގެ "ސްޕޮންސަރ ލެޓަރ" ލިބިގެންދާނެއެވެ.

ޕައިލެޓް ލައިސަންސްއަށް ހޮވުނު ފަރާތްތަކުގެ ވަގުތީ ނަތީޖާ މިނިސްޓްރީގެ ވެބްސައިޓްގައި ފެންނަން ހުންނާނެއެވެ. އަދި އެހެނިހެން ސްލޮޓް ތަކުގެ ނަތީޖާ "މައި އެޑިއު" ޕޯޓަލްގައި އިޢުލާނުކުރެވިފައި ވާނެއެވެ.

ނަތީޖާއާއި މެދު ޝަކުވާ ހުށަހެޅުއްވުމަށް loan2024@mohe.gov.mv އަށް މެއިލް ކުރެއްވުމުގެ ފުރުސަތު ވަނީ 11 ޖޫން 2024 އިން ފެށިގެން 25 ޖޫން 2024 އާއި ހަމައަށް ހުޅުވައިލެވިފައެވެ.