ޚަބަރު

ދިިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު 10،000އަށް ވުރެން ގިނަ ދަރިވަރުންނަށް
މި ޚަބަރު ޝާއިޢުކުރީ 11/03/2021

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއް ފުއްދުމުގެ ގޮތުން ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު ތަންފީޒު ކުރަން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.

ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައި ދިނުމުގެ އެ އުސޫލާއި އެއްގޮތަށް، 10،000 ވުރެ ގިނަ ދަރިވަރުންނަށް، ޖުމުލަ 240 މިލިއަނަށް ވުރެ ގިނަ ރުފިޔާ، މި ފާއިތުވި 2 އަހަރެއްހާ ދުވަހުގެތެރޭގައި މިހާރު މިވަނީ ޚަރަދުކޮށްފައެވެ. އެއީ ރާއްޖޭގައި ހިންގާ މަތީތަޢުލީމުދޭ މަރުކަޒުތަކުގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދު ފުއްދުމަށްޓަކައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުންވަނީ ފުރަތަމަ ޑިގްރީއަށް ސަރުކާރުގެ ޚަރަދުގައި ކިޔަވައިދިނުމުގެ އުސޫލެއް އެކުލަވާލާފައެވެ. އެ އުސޫލާ އެއްގޮތަށް ފުރަތަމަ ޑިގްރީއަށް ރާއްޖޭގައި ކިޔެވުމަށް ސަރުކާރުން ޚަރަދުކުރުން އިފްތިތާޙް ކޮށްދެއްވީ ޚުދު ރައީސުލް ޖުމްހޫރިއްޔާއެވެ. އެއީ އެކަމަށްޓަކައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސަރުކާރުގެ ޚަރަދުގައި ދިވެހިރާއްޖޭގައި ދިވެހި ދަރިވަރުންނަށް މަތީތަޢުލީމަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދިއުމަކީ ދިވެހިރާއްޖޭގެ އިޤްތިސޯދަށް އާރޯކަން ލިބޭނެކަމެކެވެ. ވަޒީފާގެ ބާޒާރުގައި އެކިއެކި މަސައްކަތްތައް ކުރުމަށް ނިކުންނާނެ ފެންވަރު ރަނގަޅު، އިލްމީގޮތުން ޤާބިލް ދިވެހިން އުފެދިގެން އަންނާނެކަމެކެވެ. އަދި ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މަސައްކަތްކުރާ ބޭރުމީހުންގެ ޢަދަދު މަދުކޮށް ދިވެހިންނަށް ވަޒީފާގެ ފުރުސަތު ލިބި، ވަޒީފާގެ ކުރިއެރުން ލިބުމުގެ ފުރުޞަތުވެސް ދިވެހިންނަށް ފަހިވާނެ ކަމެއްކަން ކަށަވަރެވެ. މީގެއިތުރުން، މިއީ ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ދަރިވަރުންނަށް މާލީގޮތުން ދިމާވާ ދަތިތަކަށް ހައްލެއް ލިބި ހާސްކަމެއްނެތި ކިޔެވުން ފުރިހަމަކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއްކަންވެސް ފާހަގަކުރެވެއެވެ.

ފުރަތަމަ ޑިގްރީއަށް ސަރުކާރުގެ ޚަރަދުގައި ކިޔެވުމުގެ ފުރުޞަތު ހުޅުވާލި ފަހުން މި ސްކީމް ތަންފީޒުކުރުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ތަފާތު އެކި މަސައްކަތްތައް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވަނީ ކޮށްފައެވެ. މިގޮތުން މި ސްކީމަށް ގެނެވިފައިވާ އެންމެ ބޮޑެތި ހެޔޮ ބަދަލުތަކަކީ ކިޔަވައިދޭތަނަށް ފައިސާ ދިނުމުގެ ބަދަލުގައި، ސީދާ ދަރިވަރުންނަށް ފައިސާ ލިބޭ ގޮތް ހަމަޖައްސައިދިނުމެވެ. އަދި އޮންލައިން ޕޯޓަލްއެއްކަމަށްވާ މައިއެޑިޔު ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލުމެވެ. ނަތީޖާއަކަށް ވެގެންދިޔައީ އަތޮޅު ތެރޭގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުން ދިޔަ އެތައް ދަރިވަރުންނަކަށް ފަސޭހަކަމާއިއެކު މި ސްކީމުގައި ބައިވެރި ވެވޭނެ މަގު ފަހިވެގެން ދިޔުމާއި، ކިޔަވާތަނަށް ދައްކަންޖެހޭ ފައިސާ ދެއްކެމުންދާކަމުގެ ޔަޤީންކަން ދަރިވަރުންނަށް ލިބެމުން ދިޔުމެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދަރިވަރުންނަށް ލުއި ފަސޭހަކޮށް މައިއެޑިޔު ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ލެވޭނެ ގޮތަކަށް ޕޯޓަލް އަށް ބަދަލުތައް ގެނެސް ދަރިވަރުންގެ ޔުނިވަރސިޓި / ކޮލެޖްއަށް ދައްކަންޖެހޭ ފައިސާ ދަރިވަރުންނަށް ދޫކުރަމުން ގެންދިޔުމަށެވެ.

ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ކިޔެވުމަށް އަހަރުގެ އެކި ދުވަސްވަރުގައި ކުދިން އެންރޯލްކުރެއެވެ. އެހެންކަމުން ޑިގްރީ ޕްރޮގްރާމުތަކުގައި އަލަށް އެންރޯލްވާ ދަރިވަރުން މި ސްކީމްގައި ބައިވެރިކުރުމުގެ މަސައްކަތް އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ކުރިޔަށް ދެއެވެ. މިހާރު އަމަލު ކުރަމުންދާ އުސޫލާ އެއްގޮތަށް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ދަރިވަރުންނަށް ފައިސާ ދޫކުރުމުން، ދަރިވަރުން، ކިޔަވައިދޭތަނަށް ދައްކަންޖެހޭ ފައިސާ ޒިންމާދާރު ކަމާއިއެކު ޤަވާއިދުން ދައްކަމުން ގެންދިޔުމަށް މިނިސްޓްރީން އިލްތިމާސް ކުރެއެވެ. އަދި ހިތްވަރާއިއެކު މަސައްކަތްކޮށްގެން ފުރަތަމަ ޑިގްރީ ފުރިހަމަކޮށް ޤައުމަށް ޚިދުމަތްކުރުމަށްވެސް މިފުރުޞަތުގައި މިނިސްޓްރީން އިލްތިމާސްކުރެއެވެ.

މިނިސްޓްރީގެ އަމާޒަކީ ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގައި ބައިވެރިފައިވާ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށް، ލުއިފަސޭހަ ގޮތެއްގައި ކިޔެވުމުގެ އިންތިޒާމު ފުރިހަމައަށް ހަމަޖައްސައިދިނުމެވެ.

ފުރަތަމަ ޑިގްރީ ސްކީމްގެ ކާމީޔާބީއާއި ގުޅޭ ވީޑިއޯ ރިޕޯޓް

ފުރަތަމަ ޑިގްރީ ސްކީމްގެ ކާމީޔާބީއާއި ގުޅޭ ތަފާސްހިސާބުގެ ވީޑިއޯ ރިޕޯޓް

 

ފަހުގެ ބައެއް ޚަބަރު