ޚަބަރު

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން އެމް.އެން.ޔޫ ކައުންސިލާ ބައްދަލުކުރައްވައިފި
މި ޚަބަރު ޝާއިޢުކުރީ 16/10/2019

މި ބައްދަލުކުރެއްވުމުގައި، ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޔުނިވަރސިޓީ ހިންގުމުގެ ފަންނީ ކަންކަމަށް އެއްވެސް ހާލެއްގައި ސަރުކާރުން ނުފޫޒެއް ނުފޯރުއްވާނެ ކަމަށެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން މަސައްކަތްކުރާނީ ރެގިއުލޭޓަރީ ބޮޑީއެއްގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް މީހުން ބިނާކުރުމުގެ މަސައްކަތުގައި ވަކި ދާއިރާތަކުން މީހުން ބިނާކުރުމަށް ބޭނުންވާކަމަށް ފެނިއްޖެނަމަ، އެކަމަށްއެދި ޔުނިވަރސިޓީގައި ދަންނަވާނެކަމަށާއި، އެފަދަ ހާލަތްތަކުގައިވެސް ޔުނިވަރސިޓީން ޢަމަލުކުރާނެ އުޞޫލްތައް ނިންމަވާނީ ޔުނިވަރސިޓީން ކަމަށެވެ.

 

މީގެ އިތުރުން ކޯސްތައް ހިންގުމުގައި އެންމެ އިސްކަމެއް ދޭންޖެހޭނީ ކޮލިޓީއަށްކަމަށާއި، ކޮލިޓީއަށް ނޭދެވޭ އަސަރެއް ކޮށްފާނެ އެއްވެސް ކަމެއް އެއްވެސް ހާލެއްގައި ޔުނިވަރސިޓީން ކުރައްވައިގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ވަކި ދާއިރާއަކުން ދަސްވެނިވެގެން ވަޒީފާ އަދާކުރުމަށްޓަކައި ސަރުކާރުގެ މުއައްސަސާއަކުން ހުއްދަ ހޯދަން ޖެހޭ ދާއިރާއަކުން ކޯހެއް ފަރުމާކުރައްވާނަމަ، އެކަން ކުރައްވަންވާނީ، އަދި އެ ކޯހެއް ފައްޓަންވާނީ އެ ހުއްދަ ހޯދަންޖެހޭ މުއައްސަސާއަކުން ހުއްދަ ހޯއްދެވުމަށްފަހުގައި ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

 

މި ބައްދަލުކުރުމުގައި މިނސްޓަރު އަލިއަޅުއްވާލެއްވި މުހިއްމު އަނެއްކަމަކީ، ޤައުމުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމުގައި ހުރިހާ ފަރުދުންގެ ޒިންމާއެއް ވާކަމުގައެވެ. މިނސްޓަރު ވިދާޅުވީ މުޖުތަމަޢުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގުޅިފައިވަނީ ހުރިހާ ފަރުދުންގެ ބަހާއި އަމަލުގެ މައްޗަށްކަމަށެވެ. ޢިލްމީ މަސައްކަތްތަކުގެ ނާރެސަކަށް އެމް. އެން. ޔޫ ވުމަކީ ދެކިވަޑައިގަންނަވާ ހުވަފެނެއްކަމަށާއި މުޖުތަމަޢު ބައިބައިވެ ފިތުނަ އުފެދިދާނެ ހުރިހާ ކަމަކުން ޔުނިވަސިޓީ ސްޓާފުންނާއި ދަރިވަރުން ދުރުހެލިވުމަށް އިލްތިމާސް ކުރެއްވިއެވެ.

 

މި ބައްދަލުވުމުގައި އެމް.އެން.ޔޫ ކައުންސިލް ގެ 17 މެންބަރުންގެ ތެރެއިން 12 މެންބަރުން ބައިވެރިވިއެވެ. އަދި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ގެ އަރިހުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޚަދީޖާ އާދަމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފަހުގެ ބައެއް ޚަބަރު