ޚަބަރު

ޔޫކްރެއިންގައި ކިޔަވަން ތިބި ދަރިވަރުންގެ ތެރެއިން ރާއްޖެ އައި ދަރިވަރުންނާއި މިނިސްޓަރ ބައްދަލުކުރައްވައިފި
މި ޚަބަރު ޝާއިޢުކުރީ 08/03/2022

މި ބައްދަލުވުމުގައި ބައިވެރިވި ދަރިވަރުންގެ ތެރޭގައި ހިމެނެނީ އިވާނޯ އިން އައި 13 ދަރުވަރުންނާއި ކުރިން ކާރކީވް އިން އައި 2 ދަރިވަރުންނެވެ. އިވާނޯ އިން އައި ދަރިވަރުން ވަނީ އެއްގަމު މަގުން ދިގުދަތުރެއްކޮށް ހަންގޭރީއަށް އެތެރެވުމަށްފަހު ވައިގެ މަގުން ރާއްޖެ އައިސްފައެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ވަނީ ދަރިވަރުންގެ ކިޔެވުން މިހާތަނަށް ކުރިއަށް ދިޔަގޮތް އޮޅުން ފިލުއްވާލައްވާފަ އެވެ.  އަދި މިފަދަ ހާލަތެއްގައި ކޮންމެ ދަރިވަރަކުވެސް، އެދަރިވަރުންގެ ކިޔެވުން ދެން ކުރިއަށް ގެންދެވިދާނެގޮތާއި ދޭތެރޭ ޔުނިވަރސިޓީއާ ވާހާކަ ދައްކަމުންގެންދިޔުމަކީ މުހިއްމުކަމެއް ކަމުގައިވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވަނީ ބޭންކް އޮފް މޯލްޑިވްސްއާއި ސަރުކާރުގެ ވުޒާރާތަކުން ދަރިވަރުން ރާއްޖެ ގެނައުމަށް ވެދެއްވި އެހީތެރިކަމަށް އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދަރިވަރުން ވެސް ވަނީ މިނިސްޓްރީން އެ ދަރިވަރުންނަށް ވެދިން އެހީތެރިކަމަށް ޝުކުރުއަދާކޮށްފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޔޫކްރެއިންގައި ތިބި ދަރިވަރުން ރާއްޖެ ގެނައުމަށްޓަކައި ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަން ހުރިހާ ދަރިވަރުންނަށް ފޯރުކޮށްދީފައެވެ.

ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދޭން ފެށިއިރު އެ ގައުމުގައި 51 ދަރިވަރުން ތިއްބެވެ. އޭގެ ތެރެއިން 30 ދަރިވަރުން ހަނގުރާމަ ފެށުމުގެ ކުރިން ރާއްޖެ ވަނީ އައިސްފައެވެ.  އަދި ބާކީ ތިބި 21 ދަރިވަރުންވެސް މިހާރު ވަނީ ރާއްޖެއައިސްފައެވެ.

ފަހުގެ ބައެއް ޚަބަރު