މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 69 ވަނަ ޖަލްސާގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ރައްޔިތުންގެ މަޖްލިސް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ޖޫނިއަރ ކޮލެޖަކީ ދިވެހިރާއްޖޭ ގެ ތަޢުލީމީ ނިޒާމަށް މުޅިން އަލަށް ތަޢާރުފް ކުރާ މޮޑެލްއެކެވެ. މި މޮޑެލްގައި ސައިންސް ސްޓްރީމްއާއި ބިޒްނަސް ސްޓްރީމްގެ މާއްދާތަކާއިއެކު ޓެކްނިކަލް އަދި ވޮކޭޝަނަލް މާއްދާތައް ކިޔެވުމުގެ ފުރުސަތު ފަހިވެފައި އޮންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ޖޫނިއަރ ކޮލެޖް ޤާއިމު ކުރެވޭ ސަރަހައްދުތަކުގައި ޢާންމުކޮށް އެ ސަރަހައްދެއްގައި ހިނގާ މަސައްކަތްތަކަށް ފޯކަސްކުރެވި އެންމެ ގިނައިން އެ ސަރަހައްދެއްގައި ކުރެވޭ މަސައްކަތްތަކާއި ގުޅޭ އެކެޑަމިކް އަދި ވޮކޭޝަނަލް ކޯސްތައް ހިންގޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިސާލަކަށް އެ ސަރަހައްދެއްގައި ރިޒޯޓްތައް ގިނަ އަދަދަކަށް ހުރިނަމަ ފަތުރުވެރިން ގިނައިން އަންނަ ޤައުމުތަކުގެ ބަސް ދަސްކޮށްދިނުމާއި އެ ދާއިރާގެ ވޮކޭޝަނަލް އަދި އެކަޑަމިކް ކޯސްތައް ހިންގޭނެއެވެ. މީގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހުޅުވި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ޒުވާނުންގެ އަދަދު އިތުރުވެގެންދާނެއެވެ. މީގެ އިތުރުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތަށް ފޯކަސް ކުރެވިގެން ހިންގޭ ޖޫނިއަރ ކޮލެޖްތައް ވެސް އެކި ސަރަހައްދުތަކުގައި ޤާއިމުވެގެންދާނެއެވެ. އެތަންތަނުން ދުނިޔޭގެ ފެންވަރުގެ ސެޓްފިކެޓްތައް ހާސިލްކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. ދިވެހިރާއްޖޭ ގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް ޖޫނިއަރ ކޮލެޖް ތަޢާރަފް ކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ ގިނަ އަދަދެއްގެ ކުދިންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ފުޅާވެ ވަޒީފާގެ މާހައުލަށް ނުކުންނަ ކުދިންނަކީ ހުނަރުވެރި ނުވަތަ ޕްރޮފެޝަނަލް ކުދިން ތަކެއް ކަމުގައި ވެގެން ދިޔުމެވެ.
މީގެ އިތުރުން ލޯންއާއި ސްކޮލަޝިޕް ދިނުމުގައި ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން އެ ސަރަހައްދުގެ ކުދިންނަށްވެސް ލިބޭނެ ގޮތަކަށް ލޯނާއި ސްކޮލަޝިޕްއާއި ބެހޭ އުސޫލަށް ބަދަލު ގެންނަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި ބަދަލުގެ ސަބަބުން އަތޮޅުތެރޭގައި ތިއްބެވި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުސަތުތައް އިތުރަށް ފަހިވެ، އާބާދީގެ ބޮޑުބަޔަކަށް މި ސްކީމްތަކުގެ ފައިދާ ލިބިގެންދާނެއެވެ.
އަދި މިއަންނަ އަހަރުގެ ބަޖެޓްގައި ލޯން ސްކޮލަޝިޕް ދިނުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ މުޅި ބަޖެޓްގެ 90% އަށްވުރެން ބޮޑު އިންސައްތައެއް މަތީ ތައުލީމަށް ޚަރަދުކުރެވިގެންދާނެއެވެ.މިއަހަރުގެ މިހާތަނަށް ވަނީ 567 ދަރިވަރުންނަށް މަތީ ތައުލީމު އުނގެނުމަށް ލޯނު ދޫކުރެވިފައެވެ.