ޚަބަރު

މަތީ ތައުލީމު ލޯނުގެ 720 ފުރުސަތު ހުޅުވާލައިފި
މި ޚަބަރު ޝާއިޢުކުރީ 07/02/2022

މަތީ ތައުލީމުގެ ލޯން ސްކީމަށް ހުޅުވާލި ފުރުސަތުތަކާއި ގުޅޭގޮތުން މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން ވިދާޅުވީ މަތީ ތައުލީމާއި ތަމްރީންގެ ދާއިރާއިން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމް އުނގެނުމަށް ހުޅުވާލި 720 ފުރުސަތުގެ ތެރޭގައި އަލަށް ކިޔަވަން ފަށާ ކުދިންނަށް ޚާއްސަ 417 ފުރުސަތާއި މިވަގުތު ކިޔަވަމުންދަ ދަރިވަރުންނަށް 303 ފުރުސަތުކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ ލޯން ސްކީމަށް ހުޅުވާލާފައިވަނީ މިސްޓޫޑަންޓް އެޑްމިނިސްޓްރޭޝަން ފީ %3އިން އިން %1އަށް ކުޑަކުރުމަށްފަހުކަމަށެވެ.

"މިސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ އަހަރުވެސް އެޑްމިނިސްޓްރޭޝަން ފީ ވަނީ %5 އިން %3 އަށް ކުޑަކޮށްފަ. އަޅުގަނޑުމެންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި މި އެޑްމިނިސްޓްރޭޝަން ފީގެ ގޮތުގައި %1 އަށް ކުޑަކުރުމަށްވާނީ ކަނޑައަޅަ އިއުލާންވެސްކޮށްފަ. މިއަދު އަޅުގަނޑުމެން މި ސްކީމް މި ހުޅުވާލަނީ ސްޓޫޑަންޓް އެޑްމިނިސްޓްރޭޝަން ފީ %1 އަށް ކުޑަކުރުމަށްފަހު. އެއީ މިއަހަރުގެ ސްކީމަށް ޚާއްޞަވާ އެއް ސަބަބު." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިދިޔަ އަހަރުގެ ލޯން ސްކީމްގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އެހެނިހެން ޚަރަދުތައް ހަމަޖައްސައިދިނީ ވަކި ދާއިރާތަކަކުންކަމަށެވެ. ނަމަވެސް މިއަހަރު ލޯން ސްކީމަށް ފުރުސަތު ހުޅުވަލާފައިވަނީ ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ހުރިހާ ދަރިވަރުންނަށްވެސް އެ ދަރިވަރުންގެ އެހެނިހެން ޚަރަދުތައް ހަމަޖައްސަން ލޯން ބޭނުންވާނަމަ އެ ފުރުސަތު ލިބޭނޭގޮތަށްކަމަށެވެ. އަދި  ރާއްޖޭގައި އެމްބީބީއެސްއަށް ކިޔަވާ ދަރިވަރުންގެ އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށްވެސް ލޯން ސްކީމަށް 40 ސްލޮޓް ރިޒާވް ކޮށްފައިވާކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިދިޔަ އަހަރު ހުޅުވާލި ލޯން ސްކީމްގައި ރާއްޖޭގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައި ނުވިނަމަވެސް މިއަހަރުގެ ލޯން ސްކީމްގައި ރާއްޖޭގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މިގޮތަށް ފުރުސަތު ފަހިކޮށްދެއްވީ ވަރަށް ގިނަ ދަރިވަރުން މާސްޓާސް ޑިގްރީއަށް ކިޔަވަމުންދާތިއާއި، ކޯވިޑްގެ ސަބަބުން ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރަށް ދިއުމަށް ދަތިވެފައިވާތީކަމަށެވެ. މީގެ އިތުރުން މި ބަދަލު ގެނައުމުގައި ރާއްޖޭގެ ކޮލެޖުތަކުގައިވެސް މާސްޓަސްއަށް ކިޔެވުމުގެ ފުރުސަތު އޮތުމަކީވެސް މާސްޓާސް ޑިގްރީއަށް ލޯން ސްކީމް ހުޅުވާލި ސަބަބެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުއްމީދު ކުރަނީ މި ފުރުސަތުގެ ސަބަބުން ވަރަށް ގިނަ ދަރިވަރުން ރާއްޖޭގައި ތިބެގެން މާސްޓަސް ޑިގްރިއަށް ކުޔެވުމުގެ ފުރުސަތު ފަހިވެ އޭގެ ބޭނުން ހިފާނެކަމަށް. އަދި މީގެ ހެޔޮފައިދާ ރާއްޖޭގެ ކޮލެޖްތަކަށްވެސް ލިބިގެންދާނެކަމަށް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރިއެކޭވެސް އެއްގޮތަށް މިފަހަރުގެ މި ލޯން ސްކީމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައިވާނެކަމަށެވެ. އެ ފަރާތްތަކުން ލޯނަށް ހުށައަޅާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތެއްކަން އެނގޭ ލިޔެކިއުން ހުށަހަޅަން ޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ލޯން ސްކީމަށް އެޕްލިކޭޝަން ހުށައަޅަން ހުޅުވާލާފައި މުއްދަތު ހަމަވުމުގެ 7 ދުވަސް ކުރިން ހުށައަޅާ ފޯމްތައް ޗެކޮށް މަދުވާ ލިޔެކިޔުންތައް ހުށައެޅުމުގައި މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެމުން ދާނެކަމަށެވެ.

މިއަހަރުގެ ލޯން ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ 3 މާރިޗް ވަނަ ދުވަހުގެ 13:30ގަ އެވެ. މިލޯނަށް އެދި ފޯމު ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށެވެ.

ފަހުގެ ބައެއް ޚަބަރު