ޚަބަރު

މުޖުތަމަޢުގައި ސުލްހަމަސަލަސްކަމާއި ހަމަޖެހުން ޤާއިމްކުރެވެން އޮތީ ތަޢުލީމުގެ ތެރެއިން ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެ
މި ޚަބަރު ޝާއިޢުކުރީ 29/09/2019

ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ  ހަރުކަށި ފިކުރުތަކާއި ދެކޮޅަށް މަސައްކަތްކޮށް، މުޖުތަމަޢުގައި ސުލްހަމަސަލަސްކަމާއި ހަމަޖެހުން ޤާއިމްކުރެވެން އޮތީ ތަޢުލީމާއި ހޭލުންތެރިކަމުގެ ތެރެއިން ކަމަށެވެ. މުޖުތަމަޢުގެ ހަމަޖެހުމާ ސުލްހަމަސަލަސްކަން ޤާއިމްކުރެވެން އޮތީ ދީނީ ހަރުކަށި ވިސްނުންތަކާއި ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތްތަކެއް ކުރެވިގެން ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިގޮތުން ސަރުކާރުން ކުރިޔަށް ގެންދާ މިފަދަ ވާރކްޝޮޕްތަކާއި ނިރުބަވެރިކަމާއި ދެކޮޅަށް ހިންގާ އެކިއެކި ހަރަކާތްތަކުން އެކަށީގެންވާ ކުރިއެރުންތައް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ޕޮލިޓެކްނިކް ގެ ސީ.އީ.އޯ އަޙްމަދު ނާޞިރު ވިދާޅުވީ ކަރިކިއުލަމް އިތުރަށް ތަރައްޤީކޮށް ހަރުދަނާ ބަދަލުތަކެއް ގެނެސްގެން ދީނީ ހަރުކަށި ފިކުރުތަކާ ދެކޮޅަށް އެކަށިގެންވާ މަސައްކަތްތަކެއް ކުރެވިދާނެކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

 

 

ނިރުބަވެރިކަމަކީ މިއަދު ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަކޮށްލެވެއެވެ. މި މައްސަލައަކީ ރާއްޖޭގެ އިތުރުން މުޅި ދުނިޔެއަށްވެސް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ގިނަ ފަހަރަށް ދީނީ ހަރުކަށި ވިސްނުންތަކާ ދިމާލަށް ޒުވާނުން ދިޔުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި އާމްދަނީ ލިބޭނެ ހުނަރެއް ދަސްވެފައި ނެތުން ހިމެނެއެވެ. އެހެންކަމުން ޤައުމުތަކުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން ތަޢުލީމަށާއި އެކިއެކި ތަމްރީން ޕްރޮގްރާމްތަކަށް ބޮޑެތި ހޭދަކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

 

މި ވާރކްޝޮޕްގައި އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރަމުން އަންނަ ޒުވާނުންގެ އިތުރުން ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާތަކުން އެކިކަހަލަ ފަންނީ ކޯސްތައް ހިންގަމުން އަންނަ ބައެއް މަރުކަޒުތަކުން ބައިވެރިވެފައި ވެއެވެ. މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިގޮތުގައި އަދިވެސް މިފަދަ އެތައް ވާރކްޝޮޕްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންގޮސް ދީނީ ހަރުކަށި ވިސްނުންތަކުން ދިވެހި ޒުވާނުން ސަލާމަތް ކޮށްދޭން މަސައްކަތް ކުރައްވާނެއެވެ.

 

ނިމިދިޔަ ވާރކްޝޮޕްގައި ދިވެހި ޒުވާނުން ހުށަހެޅި ޕްރެޒެންޓޭޝަންތަކުން ދައްކުވައިދީފައިވާ އައު ހިޔާލާއި އެ ހިޔާލުތަކުގެ މުއްސަދިކަން ޔޫ.އެން.ސީ.ސީ.ޓީ ގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލް ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ. ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް ހަމަޖެހިފައިވާ މި ވާރކްޝޮޕް ތަކަކީ ޔުނައިޓެޑް ނޭޝަންސް ކައުންޓަރ ޓެރަރިޒަމާއި ދިވެހި ސަރުކާރުން ގުޅިގެން ކުރިޔަށް ގެންދާ ވާރކްޝޮޕްތަކެކެވެ.

ފަހުގެ ބައެއް ޚަބަރު