ޚަބަރު

ވިލާ އިންޓަނޭޝަނަލްގެ ދަރިވަރުންނާ ބައްދަލުކުރައްވައި މިނިސްޓަރ މަރުހަބާ ދަންނަވައިފި
މި ޚަބަރު ޝާއިޢުކުރީ 16/08/2023

މިއަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި އެ ދަރިވަރުންނާއި ބައްދަލުކުރައްވާ މަރުހަބާ ދަންނަވަމުން މިނިސްޓަރ ވިދާޅުވީ ދަރިވަރުން ހޯއްދެވި ޝަރަފަށް ފަޚުރުވެރިވެލައްވާ ކަމަށެވެ. އަދި ދަރިވަރުން ހޯއްދެވި ކާމިޔާބީއަށް ހިތްވަރު ދެއްވި އެވެ.
" ދަ ވަރލްޑް ސްކޮލަރސް ކަޕްގައި ވިލާ އިންޓަނޭޝަލްއިން ހޯއްދެވި ކާމިޔާބީއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން." މިނިސްޓަރ ވިދާޅުވި އެވެ. 
ރާއްޖޭގައި ސާނަވީ ތަޢުލީމު ފުރިހަމަކުރާ ޒުވާނުންގެ އަދަދު ވަރަށްބޮޑަށް އިތުރުވެފައިވާ ކަމަށާއި މަތީ ތައުލީމާއި ތަމްރީނު ހޯދަން ބޭނުންވާ ޒުވާނުންގެ އަދަދު ވެސް މައްޗަށް ގޮސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މޮޅު ދަރިވަރަކަށް ވުމަށްޓަކައި އޭލެވެލް ފުރިހަމަ ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި ހަރުދަނާ ޒުވާނަކަށް ވުމަށްޓަކައި މަދަރަސީ ތައުލީމުގެ 12 އަހަރު މުހިއްމު ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.  މިނިސްޓަރ ވިދާޅުވީ  ކޮންމެ ދާއިރާއަކުން ކުރިއަށްދާން ބޭނުންކަމުގައި ވިއަސް އެ ދެއަހަރު ސްކޫލު މާހައުލުގައި ދަރިވަރު ހޭދަކުރުމަކީ ހުރިހާ ގޮތަކުން ބެލިޔަސް ދަރިވަރަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
މިއަދުގެ އެ ބައްދަލުކުރެއްވުމުގައި ދަރިވަރުން ވަނީ މިނިސްޓަރަށް އެދަރިވަރުންގެ ތަޖުރިބާތައް މިނިސްޓަރާ ހިއްސާ ކުރައްވާފަ އެވެ. 
މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ އިސްވެރިން ބައިވެރިވެވެޑައިގެންނެވި އެވެ. 
އޭޝިއާ، އެފްރިކާ، ޔޫރަޕް އަދި ގަލްފުގެ ގައުމުތައް ހިމެނޭގޮތުން  ގައުމަކުން ޖުމްލަ 1800އަށް ވުރެ ގިނަ ކިޔަވާކުދިން މި ސްކޮލަޝިޕްގައި ބައިވެރިވި އެވެ. އޭގެތެރެއިން ވިލާ އިންޓަނޭޝަނަލް ހައިސްކޫލުން ބައިވެރިވީ 12 ދަރިވަރުންނެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުން ހޯދާފައިވާ ވަނަ ތަކަށްބަލާއިރު އިންޑިވިޖުއަލް އޯވަރއޯލް 13ވަނަ މަގާމް ހޯދާފައިވަނީ އެސްކޫލުގެ ދަރިވަރު ނާއިފް މުހައްމަދެވެ. ސްކޮލަރސް ބޮވްލް ޓީމު އިވެންޓް 2 ވަނަ ހޯދީ އައިޝަތު ރާޔާ ނިމާދު،  އައިޝާ ކާޔާ ރިފާއީ އަދި ފާތިމަތު ރައުމް މުހުތާރެވެ. އެ ތިން ދަރިވަރުން ވަނީ ޗެލެންޖް ޓީމް އިވެންޓުން 5 ވަނަ ވެސް ހޯދާފަ އެވެ.
ދަ ވަރލްޑް ސްކޮލަރސް ކަޕްގެ ގްލޯބަލް ރައުންޑް 2023 އޮތީ ގަތަރުގެ ދޯހާގައި ހުންނަ ނޭޝަނަލް ކޮންވެންޝަން ސެންޓަރގައި 2023 ޖޫން 22 އިން 27 އަށެވެ.