ޚަބަރު

މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނާއި ގުޅިގެން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމަށް މިނިސްޓްރީން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި
މި ޚަބަރު ޝާއިޢުކުރީ 12/08/2021

ޤާނޫނު ނަންބަރު 2021/7 "ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު" ފާސްވެ، ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމާއި ގުޅިގެން، މި ޤާނޫނުން ބާރު ލިބިގެން ހަދަން ޖެހޭ އެންމެހާ ގަވާއިދުތަކާއި އުސޫލުތައް ހެދުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

16 މެއި 2021 ވަނަ ދުވަހު ގެޒެޓް ކުރެވުނު މި ޤާނޫނުގެ 71 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން، މި ޤާނޫނަށް އަމަލުކުރަން ފަށާތާ 12 މަސް ދުވަހުގެ ތެރޭގައި ހަދައި އާއްމުކޮށް ޝާއިޢުކުރަންޖެހޭ ގަވާއިދު ތަކުގެ ތެރޭގައި "ދިވެހިރާއްޖޭގައި ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު" ހިމެނެއެވެ. އެހެންކަމުން މި ގަވާއިދު ޑްރާފްޓްކޮށް އެއާބެހޭ ގޮތުން ޚިޔާލު ހޯދައި މަޝްވަރާކުރުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި ރަޖިސްޓަރީކޮށް ހިންގަމުންދާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ އިސްވެރިންނާއެކު ބައްދަލުވުންތައް ބާއްވަންވަނީ ފަށާފައެވެ. ފުރަތަމަ ބައްދަލުވުމަށްފަހު، ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ ޚިޔާލުތަކާއެކު މަޝްވަރާކުރަންޖެހޭ މުހިންމު އިތުރު ކަންތައްތައް ހުރުމާއެކު އިތުރު ބައްދަލުވުންތައް ދަނީ ބޭއްވެމުންނެވެ.

މީގެ އިތުރުން މި ގަވާއިދުތަކުގެ ތެރޭގައި ދަރިވަރުންގެ މަސްލަހަތާއި ސީދާގޮތުންނާއި ނުސީދާގޮތުން ގުޅުން ހުރި ބައެއް ކަންތައްތައް ހުރުމާއެކު، ދަރިވަރުންނާއި މަޝްވަރާކުރެވި އެ ދަރިވަރުންގެ ތަޖުރިބާއާއި ޚިޔާލު ހޯދުމަށް ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ، ދަރިވަރުންގެ ޖަމްޢިއްޔާތަކުގެ ކުދިންނާއެކުވެސްވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ފާހަގަކުރާ ގޮތުގައި މި ދާއިރާއާއި ގުޅުންހުރި ސްޓޭކްހޯލްޑަރުން އަދި ދަރިވަރުންނާއެކު މި ބޭއްވުނުފަދަ މަޝްވަރާ ބައްދަލުވުންތައް ސިލްސިލާގޮތެއްގައި ކުރިއަށް ގެންދެވޭނެއެވެ.   

ފަހުގެ ބައެއް ޚަބަރު