ޚަބަރު

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގެ ދެކުމާދިއުން
މި ޚަބަރު ޝާއިޢުކުރީ 12/03/2023

މި ރަސްމިއްޔާތު ފާހަގަކޮށްފައިވަނީ ދެކުމާދިއުމުގެ ސަޤާފަތާއި އެއްގޮތަށެވެ.

ދެކުމާދިއުމަކީ މުޖުތަމައެއްގައި ކުރެވޭ ބޮޑެތި ކަންތައްތައް ފެށުމާއި ނިމުން ފާހަގަ ކުރުމުގެ ގޮތުން ކުރީ ޒަމާނުގައި މުޅި ރާއްޖޭގައި ވެސް ގެންގުޅުނު، ހަދިޔާދިނުމުގެ ރީތި އާދައެކެވެ. އެގޮތުން ދެކުމާ ގެންދާ ތަކެތީގެ ތެރޭގައި އެދުވަސްވަރެއްގައި އާއްމުކޮށް ގެންގުޅޭ ހިފާގެންގުޅޭ ތަކެއްޗާއި ކާބޯތަކެތީގެ ބާވަތްތަކާއި އެކިވައްތަރުގެ "ފަރިވަޅު" ހިމެނެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިރީތި އާދަކާދަ ބޭނުން ކުރެވެމުން ދިޔައީ އެކި ނަންނަމުގައެވެ. ދެކުނުއަތޮޅުތަކުގައި "ދެކުމަހަގެއުން" ނުވަތަ "ދެކުމާދިއުން" ކިޔާއިރު އުތުރު އަތޮޅުތަކުގައި ކިޔަމުން ދިޔައީ ފަރިވަޅުގެންދިޔުމެވެ. މާލޭގައިވެސް މިއާދަކާދައަށް އާއްމުގޮތެއްގައި ކިޔާ އުޅެނީ ފަރިވަޅުގެންދިޔުމެވެ.

 

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން
ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއަދު އަޅުގަޑުމެން މިފާހަގަކުރަނީ އަޅުގަޑުމެންގެ ތިން އޮފީހަށް "ދާއިމީ ބޯހިޔާވެހި ކަން ލިބުމުގެ އުފާކަމަށެވެ". ދައުރު ފެށިގެންދިޔައީ އެކި ތަންތަނުން ބޯހިޔާވެހިކަން ހޯދުމުންކަމުގައިވިޔަސް މިއަދު އަޅުގަޑުމެންނަށް ދާއިމީ ބޯހިޔާވެހިކަމެއް ލިބިފައިވާކަމަށެވެ. "އެހެން ކަމުން މިއަދު މަސައްކަތްކުރަންވީ އަޅުގަޑުމެންނަށް ދެވޭ ޚިދުމަތްތަށް އިއްޔެއަށްވުރެ ރަގަޅަށް މިއަދު ދެވޭތޯއާއި މިއަދަށްވުރެ ރަގަޅަށް މާދަމާ ހިދުމަތް ފޯރުކޮށް ދެވޭތޯއެވެ". އަދި އެކުވެރިކަމާ އުފާވެރިކަމާއެކު އެންމެން ގުޅިގެން މަސައްކަތްކުރެއްވުމުގެ މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވެވިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް ނެޝެނަލް ސްކިލްސް ޑިވެލޮޕްމަންޓުގެ މަސައްކަތް މިހާރު ހިންގަމުންދަނީ އުމަރު ޒާހިރު ބިލްޑިންގ ގެ ފަސް ވަނަ ފަންގިފިލާގައެވެ. އަދި މި އިދާރާތަކުން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ބިލްޑިންގ ގެ ތިރީގައި ބެހެއްޓިފައިވާ ކައުންޓަރުން ޚިދުމަތް ލިބިވަޑައިގަންނަވާނެއެވެ.

ފަހުގެ ބައެއް ޚަބަރު