މި އެސެންބްލީ ފެށިގެންދިޔައީ ކީރިތި ޤުރުޢާނުގެ ބަރަކާތުންނެވެ. އެއަށްފަހު މުވައްޒަފުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ އާ އޮފީހަށް ބަދަލުވުމުން ހުރިހާ މުވައްޒަފުންނަށް މަސައްކަތްތައް އިތުރަށް ހަލުވިކަމާއިއެކު ބާރު ސްޕީޑުގައި ކުރިޔަށް ގެންދިޔުމަށް އާ ހިތްވަރެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ. މީގެ އިތުރުން ޖާގައިގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައިވާތީ މަސައްކަތްތައް ކުރުމަށްޓަކައި މުވައްޒަފުން އިތުރު ކުރައްވާނެ ކަން ވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުން ނިންމާލީ ހުރިހާ މުވައްޒަފުން ބައިވެރިވި ޚާއްޞަ ދުޢާއަކުންނެވެ. މި ދުޢާގައި ދިވެހިރާއްޖޭގެ މަތީ ތަޢުލީމު ހަރުދަނާކޮށް ކުރިޔަށް ގެންދިޔުމުގައި މިނިސްޓްރީ ގެ ވެރިންނަށާއި އެންމެހާ މުވައްޒަފުންނަށް މާތްﷲ ގެ ހަޟްރަތުން އިތުރު ހިތްވަރު ދެއްވުމަށްއެދި ދުޢާ ކުރެވުނެވެ.
ކުރީގެ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ވަކި މިނިސްޓްރީއެއްގެ ގޮތަށް ބަދަލު ގެނެވުމާއިއެކު މަސައްކަތްތައް އިތުރުވެގެން ދިޔަ ނަމަވެސް ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ބޭނުންވާ އަދަދަށް މުވައްޒަފުން ނަގަން ދަތިވެ، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މިނިސްޓްރީ ގެ މުވައްޒަފުން ވަރަށް ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަން ޖެހުނުކަން ފާހަގަކޮށްލެވެއެވެ.
މިއަދުން ފެށިގެން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގެ ޚިދުމަތްތައް ލިބޭނީ އަމީނީ މަގުގައި ހުންނަ ފެން ބިލްޑިންގ ގެ ދެ ވަނަ ފަންގިފިލާއިންނެވެ. އެހެންނަމަވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ދެމުން އަންނަ ޚިދުމަތްތައް ވެލާނާގޭ ދެ ވަނަ ފަންގިފިލައިން ކުރިޔެކޭވެސް އެއްގޮތަށް ލިބެމުން ދާނެއެވެ.