ޓިވެޓް ސެންޓަރު އޮޕަރޭޝަނަލައިޒް ކުރުމަށް ރަށުފެންވަރުގައި ކުރަންޖެހޭ ކަންކަމާއި ވާންޖެހޭ ތައްޔާރީތަކާ ގުޅޭގޮތުން މި ޓީމުން، އަލިފުށީ ކައުންސިލާ ބައްދަލުކޮށް މަޝްވަރާކުރިއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ދެއްކެވި ވާހަކަފުޅުގައި، އަތޮޅުތެރެއަށް މަސައްކަތުގެ ތަޢުލީމާއި ތަމްރީން ފޯރުކޮށްދިނުމަކީ މިސަރުކާރުގެ ބޮޑު އެއް އަމާޒުކަމަށާއި އަތޮޅުތެރޭގައި ތިބެގެން ޒުވާނުނުންނަށް މިފަދަ ޓިވެޓް ސެންޓަރުތަކުން، ފެންވަރު ރަގަޅު މަސައްކަތުގެ ތަޢުލީމާއި ހުނަރު ލިބުމަކީ ރާއްޖޭގެ ޒުވާން އާބާދީއަށާއި ރާއްޖޭގެ އިޤްތިޞާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.
މިނިސްޓްރީގެ ޓީމުގެ ފަރާތުން، ކަމާގުޅުންހުރި އެކިއެކި ފަރާތްތަކާއެކު ބައްދަލުވުންތަކެއް ކުރިޔަށް ގެންދިޔައެވެ. މި ބައްދަލުވުންތަކުގައި އަލިފުށީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ރަޝީދު ޙުސައިނާއި އަލިފުށި ކައުންސިލް އިދާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ޓިވެޓް ސެންޓަރުގައި ކިޔަވައިދޭނެ ދާއިރާތަކާ ގުޅޭގޮތުން ރަށުގެ މުއައްސަސާތަކާއި ސިނާއީ ދާއިރާތަކުގައި އުޅުއްވާ ފަރާތްތަކާއެކު ފޯކަސްޑް ގްރޫޕް ޑިސްކަޝަނެއް ވެސް މި ޓީމުން ކުރިއަށް ގެންދިޔައެވެ. އަދި އަލިފުށީ ސްކޫލު ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއްވެސް ކުރިޔަށް ގެންދިޔައެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރ.އަލިފުށީގައި އިމާރާތްކުރާ ޓިވެޓް ސެންޓަރުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް ނިންމައި، ރޭނުމުގެ މަސައްކަތްތައް ފަށައިގެން ހަލުވި ކަމާއެކު ކުރިއަށްދަނީއެވެ. މީގެ އިތުރުން މި ސެންޓަރު ހިންގަން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާއިރު، ކިޔަވައިދޭނެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ވެސް ކުރިއަށް އެބަދެއެވެ. މިގޮތުން، "މީރީ" ޕްރޮޖެކްޓުން ވޯލްޑް ބޭންކްގެ އެހީގައި ސްޓޭޓް-އޮފް-ދި-އާރޓް އައި.ސީ.ޓީ ލެބް ފަދަ ލެބޯޓަރީތަކަށް ބޭނުންވާ އިކުއިޕްމެންޓްތައް ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަލިފުށީ ޓިވެޓް ސެންޓަރުގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ބައްލަވާލެއްވުމަށް މިނިސްޓްރީގެ އޮފިޝަލުންނާއެކު ވޯލްޑް ބޭންކުގެ މިޝަންއިން ވެސް ޕްރޮޖެކްޓް ސައިޓަށް ޒިޔާރަތްކުރެއްވިއެވެ.
މިނިސްޓްރީގެ ޓީމުން އަލިފުށްޓަށް ކުރެއްވި ދަތުރާ ގުޅޭ އެންމެހާ އިންތިޒާމުތައް އަލިފުށީ ކައުންސިލުން ހަމަޖައްސަވައިދެއްވައި ވަރަށް ފުރިހަމަ އެއްބާރުލުމެއް ދެއްވިކަން މިނިސްޓްރީގެ ޓީމުން ފާހަގަކުރައްވައި، ބެހެއްޓެވި ފުރިހަމަ މެހެމާންދާރީއަށްޓަކައި ކައުންސިލަށް ޝުކުރުއަދާކުރެއްވިއެވެ.