ހަހާހަށްވުރެން ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، ގިނަ ގޮންޖެހުންތަކަކާއެކު ވެސް އެޕްލިކޭޝަން ޕްރޮސެސް ކުރުމަށްފަހު މިހާ ގިނަ އަދަދެއްގެ ދަރިވަރުންނަށް މިހާ ކުރުމުއްދަތެއްގެ ތެރޭގައި ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރެއިން ޑިގްރީއަށް ކިޔެވޭނެ ގޮތް ހަމަޖެހިގެންދިޔުމަކީ ހޯދުނު ބޮޑު ކާމިޔާބެއް ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ފާހަގަކުރެއެވެ.
ރާއްޖޭގެ ކޮލެޖް އަދި ޔުނިވަރސިޓީތަކުގައި ކިޔެވުމަށް އަހަރުގެ އެކި ދުވަސްވަރުގައި ކުދިން އެންރޯލްކުރެއެވެ. އެހެންކަމުން ޑިގްރީ ޕްރޮގްރާމުތަކުގައި އަލަށް އެންރޯލްވާ ދަރިވަރުން ހިލޭ ޑިގްރީގައި ބައިވެރިކުރުމުގެ މަސައްކަތް އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ކުރިޔަށް ދާނެއެވެ. ނިސްބަތުން މަދުން ނަމަވެސް ހިލޭ ޑިގްރީއަށް ހުށަހަޅާ އެޕްލިކޭޝަންތަކުގައި ބައެއް މައްސަލަތައް ހުންނަކަން ފާހަގަ ކުރެވެއެވެ. އެހެން ހުށަހަޅުއްވާ އެޕްލިކޭޝަންތައް ފުރިހަމަކަން ކަށަވަރުކުރެއްވުމަށް ފަހު ހުށަހެޅުއްވުމަށް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.
ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލި ފަހުން މި ޕްރޮގްރާމް އިތުރަށް ފުރިހަމަކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ތަފާތު އެކި މަސައްކަތްތައް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ކޮށްފައިވެއެވެ. އެގޮތުން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އަތޮޅު ތެރޭގައި ޑިގްރީއަށް ކިޔަވަމުން ދިޔަ އެތައް ކުދިންނަކަށް ފަސޭހަކަމާއިއެކު ހިލޭ ޑިގްރީގައި ބައިވެރި ވެވޭނެ މަގު ފަހިވެގެން ދިޔުމެވެ.
ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ވެ ވަޑައިގެންފައިވާ ވަޢުދުތަކުގެ ތެރެއިން މަތީ ތަޢުލީމުގެ ދާއިރާއިން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ވަޢުދެވެ.