ޚަބަރު

މަތީތަޢްލީމުގެ ބިލާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީގައި މަޢުލޫމާތު ހިއްސާކުރުން
މި ޚަބަރު ޝާއިޢުކުރީ 25/08/2020

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަތީތަޢުލީމުގެ ބިލާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމެޓީއަށް ބޭނުންވާ އިތުރު މަޢުލޫމާތު، ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން އެ ކޮމެޓީއާ ހިއްސާކޮށް، މަޝްވަރާކޮށްފިއެވެ. މިކަން އޮތީ މިއަދު ހެނދުނު 10:30 އިން 12:00 އަށެވެ. މަޝްވަރާ ބައްދަލުވުމުގެ ތަޢާރުފްގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަން ވިދާޅުވި ގޮތުގައި މި ބިލަކީ ދިވެހިރާއްޖޭގައި މަތީތަޢުލީމާއި ތަމްރީން ދިނުމުގެ އަސާސްތަކާއި އުސޫލުތައް ކަނޑައަޅައި ތަންފީޒްކުރުމުގެ މުހިއްމު މަޤްޞަދުގައި ފަރުމާކުރެވިފައިވާ ބިލެކެވެ. މި ބިލުގެ ސަބަބުން ރައްޔިތުންގެ މެދުގައި މަތީތަޢުލީމުގެ ނިޒާމަށް އިތުބާރު ބޮޑުވެގެން ދާނެއެވެ. ހަމައެހެންމެ، ހުނަރުވެރި ފަންނުވެރި ޒުވާނުން މަސައްކަތުގެ ބާޒާރަށް ނެރުމަށް އިތުރު ބާރެއް ލިބިގެން ދާނެއެވެ. ޕްރައިވެޓް ސެކްޓަރުން ހަޔަރ އެޑިޔުކޭޝަނަށްކުރާ އިންވެސްޓްމަންޓްތަކަށް ޤާނޫނީ ރައްކާތެރިކަން ލިބެގެންދާނެއެވެ. އަދި މި ބިލުގެ ސަބަބުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ޕްރައިވެޓް ޔުނިވަރސިޓީތައް އުފެއްދުމުގެ މަގު ފަހިވެގެން ދާނެއެވެ.

ބިލާ ގުޅޭ ގޮތުން އެކިއެކި ސުވާލުތައް ކޮމެޓީގެ މެންބަރުން ހަޔަރ އެޑިޔުކޭޝަން ޓީމާ ކުރިމަތި ކުރެއްވިއެވެ. އެގޮތުން އެންމެ ދިގުކޮށް މަޝްވަރާކުރެވިގެން ދިޔައީ، މި ބިލުގެ ސަބަބުން އިތުރުވާނީ ކޮން ވެލިޔުއެއްތޯ އާއި މި ބިލުގެ ސަބަބުން ދައުލަތުގެ ހިންގުން ހަރުދަނާވެ ޚަރަދު ކުޑަވެގެންދާނެތޯ ކުރެއްވި ސުވާލުތަކާ ގުޅޭ ގޮތުންނެވެ. މި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވިގޮތުގައި ތަޢުލީމީ ކަންކަމުގައި ލިބޭނެ މަންފާއާއި ފައިދާ ކުރު މުއްދަތެއްގެތެރޭގައި ފެންނަން ނުހުންނާނެ ކަމަށާއި ގިނަފަރަށް ކަމެއް ވަކި ގޮތަކަށް އޮތުމުގެ މުހިއްމުކަން ފާހަގަވެގެން ދާނީ ކޮންމެވެސް ބޮޑު މައްސަލައެއް ސިސްޓަމްގެ ތެރެއިން ދިމާވުމުން ކަމަށެވެ. އަދި ތަޢުލީމީ ކަންކަން ފައިސާއިން އަގުމަގު ކުރަން ދަތިވާނެ ކަންވެސް ފާހަގަކުރެއްވިއެވެ.

އެމް.ކިޔު.އޭ އާއި ޓިވެޓް އޮތޯރިޓީއާއި އަދި އަލަށް ޤާއިމް ކުރަން ހުށަހަޅާފައިވާ ރިސާޗް ކައުންސިލް ފަދަ ތަންތަނުގެ ސަބަބުން ދައުލަތުގެ ޚަރަދު ބޮޑުވެގެން ނުދާނެތޯ މެންބަރުން ސުވާލު އުފެއްދެވިއެވެ. މިނިސްޓްރީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން އެ ސުވާލަށް ޖަވާބުދެއްވަމުން ފާހަގަކުރެއްވީ އެފަދަ އިދާރާތައް ވަކިވަކި އިދާރާތަކުގެ ގޮތުގައި ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ މިއިން ކޮންމެ އިދާރާއަކަށްވެސް އެ އިދާރާއެއްގެ މެންޑޭޓްގައިވާ ކަންކަން ވީހާވެސް މިނިވަން ވިސްނުމެއްގައި، ޤައުމަށް ފައިދާކުރަނިވި ގޮތެއްގައި ކުރިޔަށް ގެންދެވޭނެ މަގުފަހިކުރުން ކަމަށެވެ. ހަމައެހެންމެ ވަކިން ޚާއްޞަކޮށް އެމް.ކިޔު.އޭ ބާރުވެރިކުރުވުމަކީ މި ސަރުކާރުގެ ވަޢުދުތަކުގެ ތެރެއިން ވަޢުދެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި، އެމް.ކިޔު.އޭ ކަހަލަ އިދާރާތައް ވަކި އިދާރާއެއްގެ ގޮތުގައި ހިންގުމަކީ ދުނިޔޭގެ ޤައުމުތަކުގައި އަމަލުކުރަމުން އަންނަ ބެސްޓްޕްރެކްޓިސް އެކެވެ.

ދައުލަތުގެ އެކިއެކި މުއައްސަސާތަކުގައި ތަފާތު އެކި ނަންނަމުގައި ޓްރަސްޓްފަންޑް ހަދާފައި ހުންނަކަމަށާއި ޤާނޫނުގައި އެކަން ހިމަނަން ބޭނުންފުޅުވާ ސަބަބަކީ ކޮބާތޯ މެންބަރުން ސުވާލުކުރެއްވުމުން، މިނިސްޓްރީން ޖަވާބުދެއްވި ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި މިފަދަ ފަންޑަކަށް ޤާނޫނީ ބާރުވެރިކަން ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ސްޓޫޑަންޓް ލޯން ރިވޯލްވިންގ ފަންޑެއް ޤާއިމްކުރުމެވެ. އަދި ޤާނޫނީ ބާރުވެރިކަން ލިބިއްޖެ ނަމަ ތަޢުލީމީ ދާއިރާއަށް ޑޮނޭޓް ކުރަން ޝައުޤުވެރިކަން ހުންނަ ފަރާތްތަކުގެ ފަރާތުން ޑޮނޭޝަންގެ ގޮތުގައި ފައިސާ ފަންޑަށް ލިބުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށާއި ރައްޔިތުންގެ މަޖިލީހުން މިނިސްޓަރ ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އިތުރަށް ފުރިހަމަވެގެން ދާނެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަންގެ އަރިހުގައި އެ މިނިސްޓްރީގެ އިސް ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުން ކުރިޔަށް ދިޔައީ ރައްޔިތުންގެ މަޖިލިސްގެ އިދާރާގައެވެ.

ފަހުގެ ބައެއް ޚަބަރު