20 ސެޕްޓެމްބަރު 2019 ގައި ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން، އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ނެޝެނަލް ޑިޒާސްޓަރ އޮތޯރިޓީއާއި ހިއްސާކުރުމަށް އެ ފަރާތުން އެދުނުއިރު، އެހީތެރިކަން ބޭނުންވާކަމަށް އަންގާފައިވާ ފަރާތްތަކުގެ ތެރޭގައި މަތީ ތަޢުލީމާއި ތަމްރީނު ފުރިހަމަކުރުމަށް ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދެ ދަރިވަރަކު ހިމެނެއެވެ. މި ދަރިވަރުންވަނީ ކިޔެވުން ފުރިހަމަކުރުމަށް އެހީތެރިކަމަށްއެދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނަށްވެސް އެކަން އަންގާފައެވެ.
މި ދަރިވަރުންގެ ތެރޭގައި މެލޭޝިއާގެ މޮނާޝްގައި ބެޗްލަރސް އޮފް އާޓްސް (އޮނަރސް) ފުރިހަމަކުރަމުންދާ ދަރިވަރަކާއި މެލޭޝިއާގެ ވެސްޓްމިންސްޓަރ އިންޓަރނޭޝަނަލް ކޮލެޖްގައި މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރަމުންދާ ދަރިވަރަކު ހިމެނެއެވެ. މި ދަރިވަރުން ކިޔެވުން ފުރިހަމަކުރުމަށްޓަކައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން މި ދަރިވަރުންނަށް ސްކޮލަރޝިޕެއް ވަނީ ދީފައެވެ. މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހޭދަވާ އެއްވެސް ފައިސާއެއް އަނބުރާ ދައްކާކަށްނުޖެހޭނެއެވެ. މިއަދު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގައި ބޭއްވި ބައްދަލުވުމެއްގައި މި ދަރިވަރުންގެ ބެލެނިވެރިންނާއި ސްކޮލަރޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަންއެވެ. މި ސްކޮލަރޝިޕްގައި އިތުރަށް ދެއްކުމަށް ހަމަޖެހިފައިވާ ކޯސް ފީއެއްވާނަމަ އެ ފައިސާއާއި ކޯސް ނިމެންދެން މެލޭޝިއާގައި ދިރިއުޅުމުގެ ޚަރަދާއި އަނބުރާ ޤައުމަށް އައުމަށް ބޭނުންވާނެ ޓިކެޓް އަދި ޑިޕާރޗަރ އެލަވަންސް ދިނުމަށްވަނީ ހަމަޖެހިފައެވެ.