މި މަޝްރޫއަކީ މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ހިންގާ ޕްރޮޖެކްޓެކެވެ. މިއީ ޕްރޮޖެކްޓް ހިންގާ ފަރާތުން ފަންޑުކޮށްގެން އިމާރާތް ކުރުމުގެ މަސައްކަތާއި ހިންގުމުގެ މަސައްކަތް ކުރާ އުސޫލުން (ބިލްޑް-ފައިނޭންސް-އޮޕަރޭޓް މޮޑެލްގައި) ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.
ކުޅުދުއްފުށީގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ މި ޓިވެޓް ސެންޓަރު ޚާއްސަ ކޮށްފައިވަނީ އިންޖިނިއަރިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. މިކޯސްތަކުގެ އިތުރަށް ވޮކޭޝަނަލް ދާއިރާއާއި ގުޅުންހުރި ތަފާތު އެހެނިހެން ކޯސްތައް ވެސް މި އިންސްޓިޓިއުޓުތަކުގައި ހިންގުމަށް މަގުފަހިވާނެއެވެ.
މި އިންސްޓިޓިއުޓް ޢިމާރާތް ކުރުމަށްޓަކައި ކުޅުދުއްފުށީން 35,777.88 އަކަފޫޓްގެ ބިމެއް ވަނީ ހަމަޖެހިފައެވެ. އަދި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްގެ އުސޫލުން ދިގުމުއްދަތަކަށް ޕްރޮޖެކްޓް ހިންގުމަށް މިބިން ދޫކުރުމަށް ހަމަޖެހިފައިވަނީ 50 (ފަންސާސް) އަހަރުގެ މުއްދަތަކަށެވެ. މި ޓިވެޓް ސެންޓަރުގެ ސްކޯޕްގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ. މީގެއިތުރުން މި ބިމުގައި އިތުރު ވިޔަފާރީތައް ތަރައްޤީކުރުމުގެ ފުރުޞަތުވެސް ޕްރޮޖެކްޓް ހިންގާ ފަރާތަށް ލިބިގެންދާނެއެވެ.
މި އިންސްޓިޓިއުޓުގައި އިންޖިނިއަރިންގ ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ވޯކްޝޮޕްތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުން ކޯސް ހިންގުމަށް މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީ ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މީގެ އިތުރުން ވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ ގޮތްތައް މަގުފަހިވެފައި ހުންނާނެއެވެ.
މި ޓިވެޓް ސެންޓަރު ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް މިހާރު ހުޅުވާލެވިފައިވާ ރިކުއެސްޓް ފޯރ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް އާ ގުޅޭ ޓެންޑަރ ޑޮކިޔުމެންޓްތައް މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ހުޅުވާލެވުނު ޓެންޑަރގެ ސުންގަޑިއަކީ 04 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ.