ޚަބަރު

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން 2023 ވަނަ އަހަރު ޢިއުލާނު ކުރެވުނު ލޯން ސްކީމްގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި
މި ޚަބަރު ޝާއިޢުކުރީ 01/06/2023

. ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން 2023 ވަނަ އަހަރު ޢިއުލާނު ކުރެވުނު ލޯން ސްކީމްގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފި އެވެ

.ރައީސްއޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޫޑެންޓް ލޯނު އިއުލާން ކުރެއްވީ  މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން އެވެ

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ޢިއުލާނު ކުރެވުނު ލޯން ސްކީމަށް ކުރިމަތިލީ ދަރިވަރުންގެ ތެރެއިން ލޯނުގެ ޝަރުތު ފުރިހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވާފައިވާ ކަމަށް 2021 އަދި 2022 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާން ނިންމި ދަރިވަރުންނަށް އިނާމް ދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ވަނީ އިޢުލާންކޮށްދެއްވާފައެވެ. އަދި މިއަހަރު ދޭ ލޯނާއިއެކު މި ދައުރުގެ ތެރޭގައި މިހާތަނަށް 3211 ދަރިވަރުންނަށް މަތީ ތަޢުލީމާއި ތަމްރީން ހޯދުމަށް ލޯނު ވަނީ ދޫކޮށްފަ އެވެ.

ލޯނުގެ ވަގުތީ ނަތީޖާ މިއަދު 1 ޖޫން 2023 ގައި ހުޅުވާލެވުމާއިއެކު ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ވަގުތީ ނަތީޖާ އިޢުލާނުކުރުމަށްފަހު، ނަތީޖާ އާއި ގުޅޭގޮތުން ޝަކުވާއެއްވާނަމަ ހުށަހަޅާނީ loan2023@mohe.gov.mv  އީ.މެއިލް މެދުވެރިކޮށެވެ. ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ 11 ޖޫން 2023 ގެ 13:00 އެވެ. އަދި ދާއިމީ ނަތީޖާ، އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 22 ޖޫން 2023 ގައެވެ.  

 

ލޯން ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް ފުރުސަތު ހުޅުވާލެވުނެވެ. ލޯނު އެހީގެ ދަށުން ތަޢުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ޤައުމަކަށްވެސް ދިއުމުގެ ފުރުސަތު ފަހި ކޮށްދެވިފައިވެއެވެ.
މިގޮތުން ލޯނު އެހީގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ލޯނު އިޢުލާންގައި ބަޔާންކޮށްފައިވާ ޤައުމުތަކަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނު އެހީ ފޯރުކޮށްދޭނީ  އިޢުލާންކޮށްފައިވާ ޤައުމުތަކުގެ ތެރެއިން އެ ދަރިވަރަކު އިޚްތިޔާރުކުރާ ޤައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ.

މިފަހަރުގެ ލޯނު ސްކީމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ފުރަތަމަ ޑިގްރީ ސްކީމުގައި ކިޔަވަމުންދާ ދަރިވަރުންނަށް، އެދަރިވަރުންގެ އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް ސްލޮޓް ކަނޑައަޅައި ފުރުޞަތު ހުޅުވާލެވުނެވެ.

މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށް 120 ފުރުޞަތު ހުޅުވާލާފައިވެއެވެ.

އަދި މިއަހަރުގެ ލޯނު ސްކީމް އިޢުލާންކޮށްފައިވަނީ ލޯނުގެ އެޑްމިނިސްޓްރޭޓިވް ޗާރޖް %3 އިން %1 އަށް ކުޑަކުރުމަށްފަހުއެވެ.

 

 

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން 2018 ވަނަ އަހަރު 500 ފުރުޞަތަށް ހުޅުވާލާ 319 ވަނަ ދަރިވަރުންނަށް ލޯނުގެ ފުރުޞަތު ދީފައިވެއެވެ. އަދި 2019 ވަނަ އަހަރުގެ މާރިޗު މަހު އިޢުލާންކުރި 242 ފުރުޞަތަށް 84 ދަރިވަރުން ލޯނަށް ހޮވިފައިވެއެވެ. އަދި 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ދެވަނަ ބުރަކަށް ލޯނުގެ 163 ފުރުޞަތަށް ހުޅުވާލުމުން 165 ދަރިވަރުން ލޯނަށް ހޮވިފައިވާއިރު 2020 ވަނަ އަހަރު އިޢުލާންކޮށްފައިވާ 550 ފުރުޞަތަށް 514 ދަރިވަރުން ހޮވިފައިވެއެވެ. 2021 ވަނަ އަހަރުގެ 770 ފުރުޞަތަށް 450 ދަރިވަރުން ލޯނަށް ހޮވިފައިވާއިރު، 2022 ވަނަ އަހަރު 720 ފުރުޞަތަށް ހުޅުވާލާ 454 ދަރިވަރުންނަށް ލޯނު ދީފައިވެއެވެ. އަދި 2023 ވަނަ އަހަރު 720 ފުރުޞަތަށް އެދި 1507 ފަރާތުން ކުރިމަރިލާ 1225 ފަރާތަކަށް ލޯނު ލިބިފައިވެއެވެ.