ޚަބަރު

ރިސޯޓްތަކުގެ މެނޭޖްމެންޓަށް ދިވެހިން ޓްރެއިނިންގ ކުރުމަށް މަޝްވަރާ ކޮށްފި
މި ޚަބަރު ޝާއިޢުކުރީ 10/10/2022

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއާއި ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމުގެ އޮތުރުން އެދެ މިނިސްޓްރީގެ އިސް ފަރާތްތެކެވެ.

މިއަދު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި މަޝްވަރާގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ދިވެހިން ބިނާ ކުރުމަށް ބޭނުންވާ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ޓޫރިޒަމް ދާއިރާއިން މީހުން ބިނާކުރުމަށް މިނިސްޓްރީން މިހާރުވެސް އެކި ކޯސްތައް ހިންގަމުންދާކަމަށެވެ. ނަމަވެސް ރިސޯޓް މެނޭޖްމެންޓް ދާއިރާއިން މީހުން ތަމްރީނު ކުރަން ބޭނުންވެލައްވާކަމަށާއި އެކަމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެއްބާރުލެއްވުން ބޭނުންވެލައްވާކަމަށް ވިދާޅުވި އެވެ.  

" އެކައުންޓިން ސްކޮލަޝިޕްތަކެއް އަޅުގަނޑުމެން މިދޭތެރެއިން ދިނިން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ވެސް ރިސޯޓުތަކުގެ ސީނިއާ މެނޭޖްމެންޓް ޕޮޒިޝަންތަކެއް. އޭގައި އަޅުގަނޑުމެން މީހުން ބިނާކުރަންބޭނުންވަނީ ކޮންދާއިރާއަކުންތޯއާއި އެމީހުން ސެޓިފައި ކުރެވޭނެ ގޮތްގޮތްތައް އަޅުގަނޑުމެންނަށް އެބަޖެހޭ މައުލޫމާތުތައް ފޯރުކޮށްދޭން." މިނިސްޓަރ ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އބްދުﷲ މައުސޫމް ވިދާޅުވީ ހަޔަރ އެޑިއުކޭޝަނުން އިސްނަގައިގެންރިސޯޓްތަކުގެ ސީނިއާ މެނޭޖްމެންޓް ލެވެލްއަށް ދިވެހިން ޓްރެއިނިންގ ކުރުމަށް މަޝްވަރާކުރެއްވުމަކީ އެމަނިކުފާނު އުފާކުރައްވާ ކަމެއް ކަމަށާއި އެކަމަށް އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ރިސޯޓު މެނޭޖްމެންޓުގެ ތަމްރީނަށް ބޭނުންވާ ދާއިރާތައް ކަނޑައެޅުމަށްފަހު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި އެކުގައި މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވި އެވެ.

 

ފަހުގެ ބައެއް ޚަބަރު