އިސްލާމިކް ޔުނިވަރސިޓީގައި ކުރިއަށްދާ 35 ވަނަ ކޮންފަރެންސް )މޮޑާން ސްޓްރެޓަޖީސް ފޯ އިންޓަނޭޝަނަލް ރިސާޗާސް) ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ގިނަ ޢިލްމީ އަދި ޚާއްސަ ދިރާސާވެރިންނަށް، ދިރާސާތަކާއި ކަރުދާސް ޝާއިޢުކުރުމަކީ އެމީހުންގެ ކެރިއަރގެ ކުރިމަގަށްޓަކައި ވަރަށް މުހިއްމު ކަމެއް ކަމަށާއި އެކަމުގައި ޔުނިވަރސިޓީތަކާއި އިންސްޓްޓިއުޓްތަކުގެ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. އަދި އެކަމުގައި ޔުނިވަރސިޓީތަކާއި އިންސްޓްޓިއުޓްތަކުން އަދާ ކުރަންޖެހޭ ދައުރު ވަރަށް ބޮޑު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ދިރާސާވެރިއެއްގެ ގޮތުގައި ތިމާގެ ނަޒާހަތްތެރިކަމާއި އިތުބާރު ދެމެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މި ކޮންފަރެންސްގެ ސަބަބުން ތިމާގެ ނެޓްވޯކްތައް ފުޅާކޮށް ތިމާގެ ކުރިއެރުން އިތުރުކުރުމަށް ލިބޭނެ ފުރުސަތަކަށް ވާނެ ކަމަށެވެ. އަދި މި މުޖުތަމައުގެ މުހިއްމު ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އިތުރު ފުރުސަތަކަށް ކޮންފަރެންސް ވެގެން ދާނެ ކަމަށް ވިދާޅުވިއެވެ. މި ކޮންފަރެންސަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންގެ މެދުގައި އެއްބާރުލުންދީގެން، ފިކުރީ ގޮތުން ޢިލްމު ބަދަލުކުރުމުގެ ފެށުމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
"ތިޔަބޭފުޅުންގެ ކަމާބެހޭ ދާއިރާތަކުގެ ތެރެއިން ފަގީރުކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އިޖުތިމާއީ އިންސާފު ފަދަ މުޖުތަމައުގެ މުހިންމު ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ފުރުސަތަކަށް މި ކޮންފަރެންސް ވެގެންދާނެ ކަމަށް އުއްމީދު ކުރަން. " މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ އެމަނިކުފާނު އުއްމީދު ކުރައްވަނީ މި ކޮންފަރެންސްގެ ސަބަބުން އިތުރަށް އުނގެނުމަށް މަގުފަހިކޮށްދީ އާ އުފެއްދުންތަކާއި އާ ހެކިތައް ބިނާކޮށް ނިންމުންތައް ނިންމުމުގައި ފަސޭހަ ވެގެން ދިއުން ކަމަށެވެ. އަދި ޒަމާނީ ދިރާސާތަކެއް މި ކޮންފަރެންސްގެ ސަބަބުން ލިބިގެން ދިއުން އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
މި ކޮންފަރެންސަކީ އިންޓަނޭޝަނަލް ޔުނިއަން އޮފް ޔުނިވަރސިޓީސްއާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއާއި ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.